ޗައިނާގައި އުފެދި، ދުނިޔޭގެ އެކި ހިސާބުތަކަށް ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި 2019-އެންކޯވް ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޝައްކު ކުރެވޭ މީހަކު، އިންޑިއާގެ ރާޖަސްތާނުން ފެނިފައިވާކަމަށް އެ ސްޓޭޓް ހެލްތް މިނިސްޓަރު ރާގޫ ޝަރުމާ ހާމަކުރައްވައިފިއެވެ.

ޝަރުމާ ވިދާޅުވީ، 2019-އެންކޯވްއަށް ޕޮޒިޓިވްވެފައިވާކަމަށް ޝައްކު ކުރެވޭ މީހާއަށް މިހާރު ފަރުވާ ދެމުންދަނީ އެކަހެރި ތަނެއްގައި ކަމަށެވެ.

2019-އެންކޯވް ޖެހިފައިވާކަމަށް ޝައްކުކުރެވޭ މީހަކީ، ޗައިނާގައި ޑޮކްޓަރުކަން ކިޔެވުމަށްފަހު އެނބުރި އިންޑިއާއަށް އައި މީހެއް ކަމަށާ، އެމީހާއަށް ފަރުވާ ދެމުންދަނީ އެސް.އެމް.އެސް ހޮސްޕިޓަލުގައި ކަންވެސް ވަޒީރު ވަނީ އިއުލާން ކުރައްވާފައެވެ. އަދި އެމީހާގެ އާއިލާ މެމްބަރުން ސްކްރީން ކުރުމަށްވެސް އަމުރު ނެރެފައިވާކަމަށް ޚަބަރު ލިބެއެވެ.

ސްޓޭޓް ހެލްތް މިނިސްޓަރުގެ އިދާރާއިން އާންމުކުރި ބަޔާން ބުނާ ގޮތުގައި އެމީހާގެ ގައިން ލޭ ނެގުމަށްފަހު މިހާރު ވަނީ، ޕޫނާގައި ހުންނަ ނޭޝަނަލް ވައިރޮލޮޖީ ލެބޯޓްރީއަށް އިތުރު ތަހުލީލުތައް ކުރުމަށް ފޮނުވާފައެވެ.

ވަޒީރު ވިދާޅުވީ ޗައިނާގައި އުޅުމަށްފަހު ރާޖަސްތާން ސްޓޭޓަށް 18 މީހަކު އެނބުރި އައިސްފައިވާކަމަށާ، އެމީހުންނާ ގުޅޭ ކަންކަން، ކުރިއަށް އޮތް 28 ދުވަހުގެ މުއްދަތަކަށް ވީހާވެސް ގާތުން ބަލާ އޮބްޒާވްކުރުމަށް ސަރަހައްދީ އޮފިޝަލުންނާ މެޑިކަލް އޮފިސަރުންނާ އަންގާފައިވާނެ ކަމަށެވެ.

އަދި މިހާތަނަށް ވެކްސީންއެއްވެސް ފަރުވާއެއްވެސް ހޯދިފައި ނުވާ 2019-އެންކޯވް ހަލުވިކަމާއެކު ފެތުރެމުންދާތީ އިންޑިއާގެ ވައިގެ ބަނދަރުތަކުގައި ސިއްހީ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އަދި އިންޑިއާގެ ސަރުކާރުވެސް ވަނީ އެލާޓުގެ ހާލަތަށް ގެނެސްފައެވެ.

ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު 2019-އެންކޯވްއަށް ޕޮޒިޓިވްވި މީހަކު ފެނިގެން ރިޕޯޓްކޮށްފައިވަނީ ނޭޕާލްއިން އެކަންޏެވެ.

2019- އެންކޯވް ވައިރަހަކީ، އޭގެ އަސަރުކުރާ ފުރަތަމަ ދުވަހާ 14 ވަނަ ދުވަހާ ދެމެދު އަލާމާތްތައް ނުފެނިވެސް، އެހެން މީހުންނަށް ފެތުރިގެން ދިއުމުގެ ބާރު އޮތް ވައިރަހެއްކަން ޗައިނާގެ ކަމާބެހޭ ފަރާތްތަކުންވަނީ ހާމަކޮށްފައެވެ.