ޗައިނާގައި ގާނޫނާ ހިލާފަށް ހިންގަމުންދިޔަ ސީފުޑް ބާޒާރަކުން ފެންމަތިވި ނުރައްކާތެރި ކޮރޯނާވައިރަހުގެ އާއިލާއަށް ނިސްބަތްވާ އާ ރޯގާ (2019-އެންކޯވް)ގެ އަސަރުކޮށްގެން އެގައުމުން މަރުވި މީހުންގެ އަދަދު 80 އަރައިފިއެވެ.
ޚަބަރު ލިބޭ ގޮތުގައި މި ވައިރަހުގެ އަސަރުކޮށްފައިވާ މީހުންގެ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް 3000 އަށް އަރާފައެވެ.
ދުނިޔޭގެ އެކި ހިސާބުތަކަށްމި ވައިރަސް ފެތުރިފައިވާއިރު، މި ކަން ކޮންޓްރޯލް ކުރުމުގެ ނަމުގައި ޗައިނާއިންވަނީ އެގައުމުގައި މިހާރު ފާހަގަކުރަމުންދާ އާ އަހަރުގެ މުނާސަބާއާ ގުޅިގެންދޭ ޗުއްޓީއަށ 3 ދުވަސް އިތުރުކޮށްފައެވެ.
މި ރޯގާ އެންމެ ފުރަތަމަ ފެތުރެން ފެށީ ހޫބޭ ޕްރޮވިންސްގެ އެކި ސިޓީތައް އަދިވެސް ކަރަންޓީންކޮށްފައެވެ. މި ސަރަހައްދުތަކަށް ފޯރުކޮށްދެމުންދިޔަ އާންމު ދަތުރުފަތުރުގެ ހިދުމަތްތައް މެދުކަނޑާލާފައިވާއިރު، އެކި ހިސާބުތަކަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.
ޗައިނާގެ ސިއްހަތާ ބެހޭ އޮފިޝަލުން މިއަދު އާންމުކުރެއްވި މައުލޫމާތަށް ބަލާއިރު ހޫބޭ ޕްރޮވިންސް އިން މަރުވި މީހުންގެ އަދަދު 76 އަށް އަރާފައިވާއިރު އަނެއް 4 މީހުންނަކީ ޗައިނާގެ އެހެން ހިސާބުތަކުން މަރުވި މީހުންނެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާއިން މައުލޫމާތު ދޭ ގޮތުގައި، 300 އެއްހާ މީހުން މިހާރު އޮތީ ކްރިޓިކަލް ހާލެއްގައެވެ.
އަދި މިހާތަނަށް ފަރުވާއެއް އަދި ވެކްސީންއެއްވެސް ހޯދިފައި ނުވާ 2019-އެންކޯވް ރޯގާގެ ބަލިމަޑުކަމާއެކު، ޗައިނާގެ އެކި ހިސާބުތަކުގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ބައިމިލިއަނެއްހާ އޮފިޝަލުން ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން ޗައިނާއިންދަނީ 2019-އެންކޯވްއަށް ހާއްސަކޮށްގެން 1000 އެނދުގެ ޖާގައިގެ 2 ހޮސްޕިޓަލެއް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަޅާ ނިންމާ، ހިދުމަތްދެވޭ ވަރު ކުރަމުންނެވެ.
ކަންމިހެން އޮތްއިރު ޗައިނާގެ އޮފިޝަލުން ވަނީ، 2019-އެންކޯވް އަކީ އެ ވައިރަހުގެ އަސަރު ކުރާ ފުރަތަމަ ދުވަހާ 14 ވަނަ ދުވަހާ ދެމެދު އެއްވެސް ނިޝާނެއް ނުފެނި، އިތުރު ބަޔަކަށް އެ ވައިރަހުގެ އަސަރު ފޯރުމުގެ ގާބިލުކަން ލިބިފައިވާ ވައިރަހެއްކަން ހާމަކޮށް، އެކަމުގެ އިންޒާރު ދީފައެވެ.
ޗައިނާގެ ބޭރުން 12 ގައުމަކުން މި ވައިރަހަށް ޕޮޒިޓިވް މީހުން ވަނީ ފެނިފައެވެ. 2019-އެންކޯވް ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހުން ތިބިކަން މިހާތަނަށް ކަށަވަރުކޮށްދީ، ހާމަކޮށްދީފައިވާ ގައުމުތަކުގެ ތެރޭގައި ތައިލޭންޑް، ޖަޕާން، ދެކުނު ކޮރެޔާ، ޓައިވާން، ވިއެޓްނާމް، ސިންގަޕޫރު، ނޭޕާލް، ފަރަންސޭސިވިލާތް، އޮސްޓްރޭލިޔާ، މެލޭޝިއާ، ކެނެޑާ އަދި އެމެރިކާ ހިމެނެއެވެ.