18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މީސްލްސް ވެކްސިންގެ 2 ޑޯޒް ހަމަނުވާ ކުދިންނަށް ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސައިފި ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިކަމާ ގުޅިގެން އެޗްޕީއޭ އިން ބުނީ 18 އަހަރުންދަށުގެ ކުދިންގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަވެފައި ނުވާ ކުދިންނަށް ދަމަނަވެށި، އޭޑީކާ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް އަދި ސޯޝަލް ސެންޓަރުން ވެކްސިން ޖެހުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި 6 މަހާއި 18 މަހާ ދެމެދުގެ ކުދިންނަށް މާލެ ސަރަހައްދުގައި އެމް.އާރު ވެކްސިންގެ އިތުރު ޑޯޒް ދޭ ތަންތަނާއި ގަޑިތައްވެސް ވަނީ އާންމުކޮށްފައެވެ.

އެޗްޕީއޭއިން ބުނީ މި ހިދުމަތް ހޯދަން އަންނަ އިރު ކުއްޖާގެ ވެކްސިން ކާޑާއި، ކުއްޖާގެ އައިޑީ ކާޑް ގެންނަން ވާނެ ކަމަށެވެ. ހިމަ ބިއްސަށް ސްކްރީން ކުރުމާއި ތުއްތު ކުދިންނަށް އެމް.އާރުގެ އިތުރު ވެކްސިން ޑޯޒެއް ދިނުމުގެ ހާއްސަ ހަރަކާތެއް ވަނީ ފަށާފައެވެ. އެޗްޕީއޭއިން ބުނީ ތުއްތު ކުދިންނަށް އަމާޒުކޮށް މީސްލްސްގެ އިތުރު ޑޯޒެއް ދެވެނީ ހިމަބިހި ޖެހިއްޖެނަމަ އެކުދިންނަށް ނުރައްކާތެރިކަން ބޮޑުވާނެތީ އެކަމުން ރައްކާތެރި ކުރުމަށް ކަމަށެވެ.

ރާއްޖޭގައި ހިމަބިހި ފެތުރުމާ ގުޅިގެން އިތުރަށް އެބަލި ފެތުރުނަ ނުދިނުމަށްޓަކައި ކުރެވެމުންދާ މުހިއްމު މަސައްކަތުގެ ތެރެއިން މާލޭގައި ހިމަބިއްސަށް ސްކްރީން ކުރުމާއި މީސްލްސް ވެކްސިން ދިނުމުގެ ހާއްސަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައެވެ. ހެލްތު މިނިސްޓްރީން ބުނީ ހުން އައިސް ގައިގާ ކުދި ބިހިތަކެއް ނަގާ ކަމަށް ވާ ނަމަ ލަސްނުކޮށް އެ ސެންޓަރަށް ގޮސް ފަރުވާ ހޯދުމަށް އިލްތިމާސްކުރާ ކަމަށެވެ.