54 ކޯޓަކަށް ޗީފް އެޑްމިނިސްޓްރޭޓަރުން ހަމަޖެއްސުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިއުލާން ކޮށްފިއެވެ.

ޗީފް އެޑްމިނިސްޓްރޭޓަރުން ހަމަޖެއްސުމަށްޓަކައި އިއުލާން ކުރި ކޯޓު ތަކަަކީ ސިވިލް ކޯޓުގެ އިތުރުން 53 މެޖިސްޓްރޭޓް ކޯޓު ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެއެވެ.

ޗީފް އެޑްމިނިސްޓްރޭޓަރުން ހޯދުމަށް މިއަދު އިއުލާން ކޮށްފައި ވަނީ ކޯޓުތަކުގެ ދަރަޖައަށާއި، އިހްތިސޯސަށާއި، މަސައްކަތުގެ ލޯޑަށް ބަލައި ފާއިތުވި ތިން އަހަރު ހުށަހެޅުނު މައްސަލައިގެ އެވެރެޖް 50 އަށްވުރެ އިތުރުވެފައިވާ ކޯޓުތަކަށް ކަމަށާއި އަދި އެވްރެޖްގައި 49 ހަމަވެ، ދަތުރު ފަތުރުގެ ފަސޭހައަށް ރިއާޔަތްކޮށް ޗީފް އެޑްމިނިސްޓްރޭޓަރ (އެމް.އެސް 3) ގެ މަގާމް އިތުރު ކުރެވިދާނެކަމަށް ފެންނަ ކޯޓުތަކަށް ކަމަށް އެ ފަރާތުން ބުނެއެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ، ޖޭއެސްސީގެ ގާނޫނަށް ގެނެވުނު ދެވަނަ އިސްލާހަށް އިތުރު ކުރެވުނު 1-21 ވަނަ މާއްދާގެ (ރ) ގެ 1 ވަނަ ނަންބަރުގައި ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓާ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފުގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުމަކީ އެ ޑިޕާޓްމަންޓްގެ މަސްއޫލިޔަތެއްކަން ވަނީ ކަނޑައަޅާފައި ކަމަށެވެ.

އެ ޑީޕާޓްމަންޓުން ބުނީ، 54 ކޯޓަކަށް ޗީފް އެޑްމިނިސްޓްރޭޓަރުން ހަމަޖެއްސުމަށް އުއުލާން ކޮށްފައި ވަނީ ޖޭއެސްސީގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން ކަމަށެވެ. އަދި އެއީ މިދިޔަ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އެ ޑިޕާޓްމަންޓުން އާންމު ކުރެވުނު އާންމު ސިޓީ ނަންބަރު: 11/2019 "ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ އެންމެ އިސް މުވައްޒަފުންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި، ކޯޓުތަކާއި ދާއިރާތައް ހިންގުމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމުގެ އުސޫލު" ގެ 2 ވަނަ ނަންބަރުގެ (ނ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކުގެ މަތިން ކަަމށްވެސް އެ ޑިޕާޓްމަންޓުން ބުނެއެވެ.