މިދިޔަ ސަރުކާރުގައި ޖަލަށް ލި ސިޔާސީ ބޭފުޅުންނަށް ނުލިބޭ އެތައް ފުރުސަތުތަކެއް ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާ ކަމަށާއި އެކަން ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބްދުﷲ (އަދުރޭ) ދެނެވަޑައިގަންނަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިގޮތަށް ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުން ދިޔައިރު އެންމެ ބޮޑު އަނިޔާއެއް ކުރީ ސަރުކާރުން ދިނީ އަނބިދަރިންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވުމާ ގުޅިގެނެވެ.

އިމްރާން ވިދާޅުވީ ރައީސް ޔާމީން އެބޭފުޅުންނާމެދު ކޮންމެ ގޮތަކަށް ކަން ކުރެއްވި ނަމަވެސް އެމަނިކުފާނާމެދު ކަން ކުރައްވަމުން ގެންދަވަނީ ވަރަށްވެސް އިހުސާންތެރި ކަމާއެކު ކަމަށެވެ. އަދި އެބޭފުޅުންނަށް ޖަލުގައި ލިބިވަޑައިގެންފައިނުވާ ފުރުސަތުތަކެއް ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާކަން އަދުރޭ ދަންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާމެދު ޖަލުގައި އަމަލު ކުރެވެމުން ދަނީ އަނިޔާވެރިކޮށް ކަމަށާ ގިނަ ހައްގުތަކަކުން އެމަނިކުފާނު މަހުރޫމް ކުރައްވާފައިވާ ކަމަށް އިދިކޮޅުގެ އިސް ބޭފުޅުން ވިދާޅުވުމާއި ގުޅިގެން މިނިސްޓަރު އިމްރާން ވަނީ މީގެ ކުރިން ޓްވީޓެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ މއ، ކާމިނީހުޅަނގުގޭ އަބްދުﷲ ޔާމީން، ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދާއި، ރައީސް މައުމޫން އަބުދުލްގައްޔޫމް "ނުހައްގުން" ބަންދު ކޮށްފައިވާ ބެހެއްޓި ތަން އިތުރަށް ފެންވަރު ރަނގަޅު ކުރުމަށް ފަހު އެ ތަނުގައި ކަމަށެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ޔާމީނާމެދު އަނިޔާވެރިކޮށް އަމަލުކުރަމުން ނުގެންދަވާތީ މިނިސްޓަރު އިމްރާނަށް ޝުކުރު އަދާކޮށްފައެވެ.

އިމްރާންގެ ޓްވީޓަށް، ނާޒިމް ވިދާޅުވީ އެ ބޭފުޅުން ހުކުމް ތަންފީޒު ކުރަމުން ދިޔައިރު އެންމެ ބޮޑު އަނިޔާއެއް ދިނީ އަނބިދަރިންނަށް ކަމަށެވެ.

"އަޅުގަނޑުމެންގެ އަނބިން އޮރިޔާން ކުރުމަށްފަހު ސްކޮޓް ކުރަން ވެސް ޖެއްސި. އެ ދުވަސްތައް މަތިން ހަނދާންނެތް ބޭފުޅުންނަށްނަށް ޖަވާބެއް ނުދިނިއްޔާ ރަނގަޅުވާނީ،" ނާޒިމް ވިދާޅުވިއެވެ.

އެޓްވީޓަށް ރައްދު ދެއްވައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެބޭފުޅުންގެ އަނބިން އޮރިޔާން ކުރިކަމެއް އެނގިފައިނުވާ ކަމަށެވެ. އަދި އެވާހަކަ އަޑުވެސް އެހީ އަލަށް ކަމަށެވެ.