ޗައިނާއިން އަލަށް ފެނި ދުނިޔޭގެ އެކި ހިސާބުތަކަށް ހަލުވިކަމާއެކު ފެތުރިފައިވާ 2019-އެންކޯވް ވައިރަހަކީ، އެ ވައިރަހުގެ އަސަރު ކުރުމަށްފަހު އަލާމާތްތައް ފެންނަން ފެށުމުގެ ކުރިން އެހެން މީހުންނަށްވެސް އެ ވައިރަހުގެ އަސަރު ކުރުވާ ވަރުގަދަ ވައިރަހެއް ކަމަށް ޗައިނާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.
ޗައިނާގެ ސިއްހަތާ ބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ވައިރަހަކީ އިންކިއުބޭޝަން މުއްދަތުގައި އެހެން މީހުންނަށް އަސަރު ކުރުވާ ވައިރަހެއްކަމުން، މި ބަލި ކޮންޓްރޯލް ކުރުމަށް އުނދަގޫ، ތަކުލީފުތަކަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.
2019-އެންކޯވް ރޯގާ ޖެހިގެން މިހާތަނަށް 56 މީހެއްގެ ފުރާނަ ގެއްލި، 2000 އަށްވުރެ ގިނަ މީހުން މި ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، ވައިރަސް ފެތުރުމުގެ ބާރު އިތުރަށް ގަދަވެފައިވާކަމަށް ޗައިނާގެ ސިއްހަތާ ބެހޭ ވަޒީރު މާ ޝިއާއޯވޭއީ ވަނީ ވިދާޅުވެފައެވެ.
ޗައިނާގެ ސިއްހަތާ ބެހޭ އޮފިޝަލުންވަނީ 2019-އެންކޯވް ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި މިއަދު ފެށިގެން ޗައިނާގެ ބާޒާރުތަކުގައި ވަލު ޖަނަވާރާ އެނޫންވެސް އެފަދަ ތަކެތި ވިއްކާ ހެދުން މަނާ ކުރާނެ ކަމަށްވެސް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިއުލާންކޮށްފައެވެ.
2019-އެންކޯވްއަކީ ދިރޭ އެއްޗަކުން އުފެދިގެން އައި ވައިރަހެއް ކަމަކު، އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް ވައިރަސް ދަތުރުކުރަން ފެށުމާއެކު، މި ވައިރަސް ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ހުރަސްތަކަކާ ވަނީ ކުރިމަތިވެފައެވެ.
2019- އެންކޯވްއަށް ހުށަހެޅޭ މީހެއްގެ ހަށިގަނޑުން ބަލީގެ ނިޝާންތައް ފެނުމަށް ހޭދަވަނީ 1 ދުވަހާ 14 ދުވަހާ ދެމެދުގެ މުއްދަތެއް ކަމަށް، ކަމާ ބެހޭ އޮފިޝަލުން ގަބޫލުކުރައްވައެވެ. ވައިރަހަށް އިންފެކްޓްވެފައިވާކަން މި މުއްދަތުގެ ތެރޭގައި ނޭނގިދާނެ ކަމަށާ، ނަމަވެސް އެމީހާއަކީ އެހެން މީހުންނަށް ވައިރަސް ފެތުރޭނެ މަސްދަރެއް ކަންވެސް އޮފިޝަލުންވަނީ ފާހަގަކުރައްވާފައެވެ.
ކޮރޯނާވައިރަހުގެ އާއިލާއަށް ނިސްބަތްވާ 2019-އެންކޯވްގެ ނަން ދީފައިވާ މި ވައިރަހުން ޖެހޭ ބައްޔަށް އަދި ފަރުވާއެއް ހޯދިފައި ނުވާއިރު، މި ވައިރަހުން ދިފާއުވާނެ ވެކްސިންއެއްވެސް އަދި ހޯދިފައެއް ނުވެއެވެ. މިއީ ޗައިނާއިން އުފެދިގެން ފެތުރެމުންދާ ރޯގާއަކަށްވާއިރު، ބައިނަލްއަގުވާމީ ދަތުރުފަތުރާ ގުޅުންހުރި ހުރިހާ އިދާރާއެއްހެން މިހާރުވަނީ އެލާޓަށް ގެނެސް، ފަސެންޖަރުން ސްކްރީން ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަން ފަށާފައެވެ.