މިއީ ޗައިނާއިން އަލަށް ފެނި، ދުނިޔޭގެ އެކި ހިސާބުތަކަށް ހަލުވިކަމާއެކު ފެތުރެމުންދާ 2019-އެންކޯވްއާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައު އެކަތިގަނޑަކަށްވާންވީ ވަގުތު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ބުނެފިއެވެ.

ނުރައްކާތެރި ކޮރޯނާ ވައިރަހުގެ އާއިލާއަށް ނިސްބަތްވާ، 2019-އެންކޯވްގެ ނަން ދީފައިވާ މި ރޯގާއަށް ޕޮޒިޓިވް ވި މީހުން ވިލާތު ބައްރުން ފެނުމާއެކުހެން ޑަބްލިއު.އެޗް.އޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޗައިނާއިން ފެށުނު ރޯގާއެއް ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރެމުންދާ ގޮތަށް ބަލާއިރު، އެކަމަކީ ދުރާލާ ބަލި ދެނެގަނެ، ބަލި ފެތުރިގެން ހިނގައިދާނެ ހާލެއްގައި އެކަށީގެންވާ ފެންވަރެއްގައި ތައްޔާރަށް ތިބުމަކީ ކޮންމެ ގައުމަކަށްވެސް ލާޒިމުކަމެއްކަން އަންގައިދޭ އިޝާރާތެއް ކަމަށެވެ.

ލިބެމުންދާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އިރުމަތީ އޭޝިޔާއިން ފެނުނު މި ވައިރަސް، މިހާރު ވަނީ ދުނިޔޭގެ އިރުން ހުޅަނގަށް ފެތުރިފައިވާ 4 ބައްރުންވެސް ފެނިފައެވެ.

2019-އެންކޯވް ވައިރަހަށް ޕޮޒިޓިވްވެފައިވާ 2000 އަށްވުރެ ގިނަ މީހުން ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބިއިރު، މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 56 އަށް އަރާފައެވެ.