ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ 2019-އެންކޯވް ރޯގާ ޖެހިގެން އެ ގައުމުން މަރުވި މީހުންގެ އަދަދު 56 އަށް އަރައިފިއެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު، ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީއިން އުފެދުނު މި ރޯގާ ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިފައިވާއިރު، މި ވައިރަހަށް އިންފެކްޓްވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 2000 އަށްވުރެ މައްޗަށް އަރާފައެވެ.

ރޯގާ ކޮންޓްރޯލް ކުރުމުގެ ނަމުގައި ޗައިނާއިން މިއަދު ވަނީ ދަތުރުފަތުރުކޮށް އުޅުމަށް އިތުރު ހުރަސްތަކެއް ކުރިމަތިކުރަން ފަށާފައެވެ. މީގެ އިތުރުން 2019-އެންކޯވް މިހާރު އޮތީ އިންތިހާއަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށް ޗައިނާގެ ރައީސް ޝީ ޖީންޕިންގް ވަނީ ވިދާޅުވެފައެވެ. ޝީ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، 2019-އެންކޯވްގެ އަސަރު ކޮށްގެން ޝަންހާއީއިން މީހަކު މަރުވުމާ ގުޅިގެން ކަމަށް ޚަބަރު ލިބެއެވެ.

ގަވައިދާ ހިލާފަށް ދިރޭތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ސީފޫޑް ބާޒަރަކުން އުފެދުނު 2019-އެންކޯވް، ހޫބޭ ޕްރޮވިންސްގެ ބޭރުން، ޗައިނާގެ ވެރިކަން ކުރާ ބީޖީންގްއާއި، ޝަންހާއިއަށްވެސް ފެތުރިފައިވާއިރު، ދުނިޔޭގެ އެކި ހިސާބުތަކުން ދަނީ މި ރޯގާއަށް ޕޮޒިޓިވް ވެފައިވާ މީހުން ފެންނަމުންދާ ކަމަށް ރިޕޯޓްކޮށްފައެވެ. އެގޮތުން ސިންގަޕޫރު، ތައިލޭންޑް، ޖަޕާން، ފަރަންސޭސިވިލާތް، އެމެރިކާ އަދި ކެނެޑާ އާއި ވިއެޓްނާމްއިންވަނީ 2019-އެންކޯވްގެ ކޭސްތައް ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން މެލޭޝިއާއިންވެސް ވަނީ މި ރޯގާގެ އަސަރުކޮށްފައިވާ 3 މީހަކު ފެނިފައިވާކަމަށް ރިޕޯޓްކޮށްފައެވެ.