ތައުލީމީގޮތުން ނަތީޖާ ދަށް ދަރިވަރުންނަށް ހާއްސަކޮށްގެން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ދަސްވާރު ޕްރޮގްރާމް ހުއްޓާލައިފި އެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނީ ގައުމީ މަންހަޖުގައި ސާނަވީ މަރުހަލާގައި ކިޔަވާ މުހިއްމު މާއްދާތައް ދޫކޮށްލުމުން މަތީ މަރުހަލާތަކުގައި ދަރިވަރުން އިތުރަށް ކިޔެވުމާއި ވަޒީފާގެ ފުރުސަތުތައް ހަނިވެގެންދާ ކަމަށެވެ. އަދި ތައުލީމީ މަންހަޖުގެ ތެރެއިން ހާސިލްކުރުމަށް ކަނޑައެޅިފައިވާ އަސާސީ ބައިތައް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ވެސް ހުރަސް އެޅިގެންދާ ކަމަށް ބުނެފައިވެ އެވެ.

ދިވެހިރާއްޖޭގެ ސްކޫލްތަކުން ތައުލީމް ހާސިލްކޮށްގެން ނިކުންނަ ކޮންމެ ދަރިވަރަކީ ތައުލީމީ ގޮތުން ގާބިލް ދަރިވަރަކަށް ހެދުމަކީ ގައުމީ މަންހަޖުގެ މައިގަނޑު އެއް އަސާސްކަމަށާއި، އެގޮތުން ކޮންމް ދަރިވަރަކުވެސް މަދުރަސީ ތައުލީމް ފުރިހަމަކުރާއިރު، ތައުލީމީ ގޮތުން ހާސިލްކުރަންޖެހޭ ވަކި މިންވަރެއް ކަނޑައެޅިފައިވާ ކަމަށް އެ ސާކިއުލާގައި ބުނެފައި ވެއެވެ.

މިނިސްޓްރި އޮފް އެޑިއުކޭޝަނުން ފޮނުވި ސާކިއުލާގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގައުމީ މަންހަޖުގައިވާ ގޮތަށް ކީ ސްޓޭޖް 4 (ގްރޭދް 9 އަދި 10) ގައި ކިޔަވާ ހުރިހާ ދަރިވަރުންވެސް އެ ގްރޭޑަކަށް ކަނޑައެޅިފައިވާ މިންވަރަށް މާއްދާތައް ފުރިހަމަވާންޖެހޭނެ ކަމަށާއި، އަދި ގްރޭޑް 10 ނިންމައި ސާނަވީ އިމްތިހާނު ހަދާ ކޮންމެ ދަރިވަރަކު މަދުވެގެން 5 މާއްދާއިން އިމްތިހާން ހަދަންވާނެ ކަމަށެވެ. އަދި މި 5 މާއްދާ ގުނުމުގައި ދިވެހި، އިސްލާމް، އިނގިރޭސި އަދި ހިސާބުގެ އިތުރުން ކޮންމެވެސް އެއް މާއްދާއެއް ހިމަނަންވާނެ ކަމަށް ސާކިއުލާގައި ބުނެފައި ވެއެވެ. އަދި ބީޓެކް ސްޓްރީމް ކިޔަވާ ދަރިވަރުން، ބީޓެކް ސްޓްރީމްގެ އިތުރުން މަދުވެގެން ދިވެހި، އިސްލާމް، އިނގިރޭސި އަދި ހިސާބު އިމްތިހާނުގައި ބައިވެރިވާން ޖެހޭނެ ކަމަށްވެސް ސާކިއުލާގައި ބުނެފައި ވެއެވެ.

ދަސްވާރު ޕްރޮގްރާމާއެކު 2014 ވަނަ އަހަރު ތައާރަފްކުރި ބީޓެކް ޕްރޮގްރާމަކީ ހަތަރު ވަނަ ސްޓްރީމްގެ ގޮތުގައި ތައާރަފްކުރި ޕްރޮގްރާމެކެވެ. މަޖުބޫރު ހަތަރު މާއްދާ، އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބުގެ އިތުރުން ނަތީޖާ ދަށް ދަރިވަރުންނަށް ހާއްސަ ކޮށްފައިވާ ދަސްވާރުގައި އެ ސްކޫލަކުން ދަރިވަރުން ބައިވެރިކުރުވަނީ ގްރޭޑު ނުވެއްގެ ނަތީޖާ އަށް ބެލުމަށް ފަހުގަ އެވެ. އެ ޕްރޮގްރާމުގައި ބައިވެރިކުރަންޖެހޭ ކަމަށް ފެންނަ ނަމަ އެކަމުގެ ލަފައެއް ސްކޫލުން ދޭނެ އެވެ. ނަމަވެސް، އޭގައި ދަރިވަރުން ބައިވެރިކުރެވޭނީ ބެލެނިވެރިޔާގެ ރުހުން ހޯދައިގެންނެވެ.

ގްރޭޑު 10ގެ ދަރިވަރުންނށް އަމާޒުކޮށްގެން ހިންގި ދަސްވާރު ޕްރޮގްރާމުގެ ތެރޭގައި ހޮސްޕިޓާލިޓީ އާއި އޭސީ ފަދަ ތަކެތި މަރާމާތުކުރުމާއި ސިއްހީ ދާއިރާގެ އެކި މަސައްކަތްތައް ވެސް ކިޔަވައިދެ އެވެ.