ކޮންމެ ދުވަހަކުމެ ފޭސްބުކް ހުޅުވާލާ ބަލާލާއިރު އާއިލީ ކޮންމެވެސް މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެހީގެ އަތެއް ދިއްކޮށްލުމަށް އެދި މީހުން ކޮށްފައި ހުންނަ ޕޯސްޓްތައް ފެނެއެވެ. ބޮޑެތި ބަލީގެ ޝިކާރައަށްވެ، އަހަރަކު ދެތިން ފަހަރު ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދާން ޖެހިއްޖެ ހާލަތެއްގައި، މާލީ ތަނަވަސްކަން ހުންނަ މީހަކު މަދުވާނެއެވެ. ރައްޓެހިންނާއި އާއިލީ މީހުންގެ ފަރާތުން އެހީތެރިކަމެއް ލިބުނަސް އެއިން ވެސް ތިބެން ޖެހެނީ ދެކޮޅު ނުޖެހިއެވެ.
ތ. ގާދިއްފުށްޓަށް އުފަން އުމުރުން 45 އަހަރުގެ ޝާރުދާ އަބްދުއްރަހީމަށް ވެސް ދިމާވެފައި މިވަނީ ހަމަ މިފަދަ ހާލެކެވެ. ދެ ކިޑްނީ ފެއިލްވެ، ކިޑްނީ ބަދަލު ކުރަން ޖެހިފައި ވާއިރު، އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ގުރުބާން ވާން ތައްޔާރަށް ހުރި އޭނާގެ ދޮށީ ދަރިފުޅު އަހްމަދު ޝަކީބު ހުރީ މަންމަ އަށް އޭނާގެ ކިޑްނީ ދޭށެވެ. ނަމަވެސް، މާލީ ހާލަތު ތަން ނުދިނުމުގެ ސަބަބުން މި އާއިލާއަށް ވެސް ދިމާވެފައި މިވަނީ މަޖުބޫރީ ހާލަތެކެވެ.
ޝާރުދާގެ ބައްޔާމެދު 'ދަ ޕްރެސް' އަށް މައުލޫމާތުދެމުން އޭނާގެ ފިރިމީހާ، އަބްދުﷲ އަފީފް ބުނީ، އެންމެ ފުރަތަމަ ކިޑްނީގެ ބައްޔެއް ހުރިކަން އެނގުނީ މީގެ 5 ވަރަކަށް އަހަރު ކުރިން ކަމަށެވެ. އަފީފް ބުނީ، އޭނާގެ އަންހެނުން އެންމެ ފުރަތަމަ ތ. ވޭމަންޑޫ ހޮސްޕިޓަލަށް ދެއްކީ، އޭނާގެ ފައިގައި ފޮޅުތަކެއް ފާޑަށް ނެގި ބިހިތަކެއް ރަނގަޅު ނުވެގެން ކަމަށެވެ.
އުފަން ރަށް ގާދިއްފުށީގައި ހުރެފައި، ޝާރުދާ ޑޮކްޓަރަށް ދެއްކުމަށް އެދުވަހު ވޭމަންޑޫއަށް ދިޔައީ އެކަނި ކަމަށް އަފީފް ބުނެއެވެ. އަފީފް ބުނީ، ވޭމަންޑޫ ހޮސްޕިޓަލަށް ދެއްކުމުން، އެތަނުގެ ޑޮކްޓަރުން ވަގުތުން ޝާރުދާ އެޑްމިޓް ކޮށް، ހާލު ސީރިއަސް ކަމަށް ބުނި ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު، އެމަންޖެންސީގައި މާލެ ގެންގޮސް އެޑްމިޓް ކުރުމަށް ފަހު، ދެ ދުވަސް ވަންދެއް ހެއްދި ޓެސްޓުތަކަށް ފަހު ދެ ކިޑްނީ ފެއިލްވެ، ވަގުތުން ޑަޔަލިސިސް ހެއްދުމަށް ޑޮކްޓަރު އިރުޝާދު ދިން ކަމަށް އަފީފް ބުނެއެވެ.
އަފީފް ބުނީ، މާލޭ ޑޮކްޓަރުން ދިން ޖަވާބު ބަލައިނުގެން އޭނާ ބޭނުންވީ، އިންޑިއާއަށް ގޮސް ޝާރުދާގެ ހާލަތު އިތުރަށް އޮޅުން ފިލުވަން ކަމަށެވެ. އޭނާ ބުނީ އާއިލާއާ ރައްޓެހިންގެ ފަރާތުން ލިބުނު އެހީތެރިކަމާއެކު، އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދެއްކުމުން އެތަނުގެ ޑޮކްޓަރުން ބުނީ ވަގުތުން ޑަޔަލިސިސް ހައްދަން ނުފެށިއަސް އެންމެ ރަނގަޅު ކަމަށެވެ.
ފުރަތަމަ ބަލި ދެނެގަނެވުނުތާ 4 އަހަރު ވަންދެން ހަދަން ޖެހޭ ޓެސްޓުތައް ހަދަމުން ގޮސް، ޑަޔަލިސިސް އަށް ދިޔައީ މީގެ އަހަރެއްހާ ދުވަސް ކުރިން ކަމަށް އަފީފް ބުނެއެވެ. އަފީފް ބުނީ، ޝާރުދާ ޑަޔަލިސިސް ހަދަން ފެށީ 2018 ވަނަ އަހަރުގެ ނޮވެމްބަރުގައި ކަމަށެވެ. އަދި މިހާރު އާއިލާއިން ބޭނުން ވަނީ ކިޑްނީ ބަދަލު ކުރުމަށް ކަމަށެވެ.
ލޮރީ ޑްރައިވަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ އަފީފާއި، އޭނާގެ އަންހެނުންގެ ތިބެނީ 7 ކުދިންނެވެ. އޭގެ ތެރޭގައި 4 ފިރިހެން ކުދިންނާއި 3 އަންހެން ކުދިން ތިބޭއިރު، ވަޒީފާ އަދާ ކުރަނީ އޭގެ ތެރެއިން ދެ ކުދިންނެވެ. އަފީފް ބުނީ، އޭނާގެ އާއިލާއަށް ލިބޭ ލާރިކޮޅުން ގޭގެ ކުލި ދައްކާ، ކެއިން ބުއިމަށް ހަރަދު ކުރުމަށް ފަހު އަންހެނުންގެ ބޭސްފަރުވާއަށް މާބޮޑު އެއްޗެއް ރައްކާ ނުކުރެވޭ ކަމަށެވެ.
ޝާރުދާއަށް ކިޑްނީ ދިނުމަށް އޭނާގެ ދޮށީ ދަރިފުޅު ޝަކީބް ތައްޔާރަށް ހުރިއިރު، މަންމަގެ ކިޑްނީއާ އޭނާގެ ކިޑްނީ މެޗުވޭތޯ ބެލުމަށް ހަދަން ޖެހޭ ހުރިހާ ޓެސްޓުތަކެއް މިހާރު ވަނީ ހަދާފައެވެ. އަފީފް ބުނީ، ޝަކީބްގެ ކިޑްނީ ޝާރުދާއަށް މެޗުވޭތޯ ބެލުމަށް މިދިޔަ ރޯދަމަހުގެ ކުރިން އިންޑިއާއަށް ދިޔަ ކަމަށެވެ. އަދި އެކަން ކުރެވޭނެ ކަމުގެ ފެހި ސިގްނަލް ޑޮކްޓަރު ދީފައި ވާއިރު، އެ އާއިލާއިން އަނބުރާ ރާއްޖެއައީ މާލީ ތަނަވަސްކަން ނެތުމުން، ފަހުން ކިޑްނީ ބަދަލު ކުރުމަށް ދާން ނިންމައިގެންނެވެ.
މާލީ ހާލަތު ތަން ނުދިނުމުގެ ސަބަބުން ކިޑްނީ ބަދަލު ނުކުރެވި ޝާރުދާ ހުރިއިރު، އެހީއެއް ލިބުނުހާ އަވަހަކަށް ކިޑްނީ ބަދަލު ކުރުމަށް ފުރާނެ ކަމަށް އަފީފް ބުނެއެވެ.
ޝާރުދާއަށް ތި އެންމެ ބޭފުޅުންގެ ދީލަތި އެހީތެރި ކަމަށް ބޭނުންވެފައިވާ މި ދަނޑިވަޅުގައި ދިއްކޮށްލާ ކުޑަ މިންވަރެއްގެ އެހީތެރިކަމަކީ ވެސް އެ އާއިލާއަށް މާލީގޮތުން ވެދެވޭ ބޮޑު އެހީއަކަށް ވާނެއެވެ.
ޝާރުދާއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އޭނާގެ ފިރިމީހާ، އަބްދުﷲ އަފީފްގެ ނަންބަރު 7827590 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.
މާތްﷲ ޝާރުދާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ.