ޗައިނާގައި އުފެދި، ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި 2019-ކޮރޯނާވައިރަހުގެ އަސަރު ކުރި ޑޮކްޓަރަކު މަރުވެއްޖެއެވެ.

ޗައިނާއިން ލިބެމުންދާ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި 2019-އެންކޯވްގެ އަސަރުކޮށްގެން މަރުވެފައިވަނީ، އުމުރުން 62 އަހަރުގެ، ލިއާންގް ވޫޑޯންގް ނަމަކަށް ކިއާ ޑޮކްޓަރެކެވެ. އޭނާ މަސައްކަތް ކުރަމުންދިޔައީ، ހަލުވިކަމާއެކު ވައިރަސް ފެތުރެމުންދާ ހޫބޭއި ޕްރޮވިންސްގެ ހޫބޭ ޝީންހުއާ ހޮސްޕިޓަލުގައެވެ.

މައުލުމާތު ލިބޭ ގޮތުގައި ޑރ ވޫޑޯންގްއަކީ 2019-އެންކޯވް ވައިރަހުގެ އަސަރުކޮށްގެން ހޮސްޕިޓަލުން ފަރުވާ ހޯދުމަށް އަންނަ މީހުންނަށް ޚިދުމަތް ކުރުމުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންދިޔަ ޑޮކްޓަރެކެވެ.

ޗައިނާގައި 2019-އެންކޯވް ވައިރަހުގެ އަސަރުކޮށްގެން މަރުވި މީހުންގެ އަދަދު 40 އަށްވުރެ މައްޗަށް އަރާފައިވާއިރު، އިރުމަތީ އޭޝިއާއާއި އެމެރިކާގެ އިތުރުން ވިލާތަށްވެސް މި ރޯގާ މިހާރު ވަނީ ފެތުރިފައެވެ.