ދުބާއީގައި މިއަދު އޮތް ސްޓެންޑަޑް-ޗާޓާޑް މެރެތަންގައި އަބުދުއް ރަޝީދު ބައިވެރިވެ، އެއުމުރުގައި އެހާ އަވަސް ވަގުތެއްގައި މެރެތަން އެއް ފުރިހަމަ ކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފު ހޯދާފައިިއެވެ.
އަބުދުއްރަޝީދަކީ ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރާ ބޭފުޅެކެވެ. އޭނާގެ އުމުރަކީ 60 އަހަރެވެ.
ފިނޭންްސް މިނިސްޓްރީން ބުނީ އަބްދުއް ރަޝީދު ވަނީ ދުބާއީ މެރެތަންގައި 42 ކިލޯ މީޓަރު (މާލެ ވަށައި ނަމަ އަށް ބުރު)، 4 ގަޑި 7:50 މިނެޓުން، ނިންމާ އެއުމުރުގައި އެހާ އަވަސް ވަގުތެއްގައި މެރެތަންއެއް ފުރިހަމަ ކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފު ހޯދާފައި ކަމަށެވެ.
ސްޓެންޑަޑް-ޗާޓާޑް ދުބާއީ މެރެތަންގައި ރޭސް ޖަހާލުމުގެ ފުރުސަތު އަބުދުއްރަޝީދުއަށް ދިނީ ދުވާ ސާމާނު ވިއްކާ ފިހާރަ "ދި މެރެތަން ޝޮޕް" އިނެވެ. އެޝޮޕުން އޭނާގެ 60 ވަނަ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ދިނީ މެރެތަންގައި ބައިވެރިވުމުގެ ފުރުސަތެވެ. މީގެ އިތުރުން އެ ފިހާރައިން އަބުދުއް ރަޝީދަށް ވަނީ ކިޓާއި ޓްރެއިނިން ވެސް ސްޕޮންސާކޮށްފައެވެ. އަދި އޭނާ އަށް ތަމްރީން ގައުމީ މިޑްލް ޑިސްޓެންސް ކޯޗެއް ކަމަށްވާ އަބްދުﷲ އިބްރާހިމް (އަބުޅޯ) ހަމަޖައްސައިވެސް ދިނެވެ.
އަބުދުއްރަޝީދަކީ ރާއްޖޭގައި ބާއްވާ ދުވުންތަކުގައިވެސް ބައިވެރިވާ ފަރާތެކެވެ. އެގޮތުން ދިރާގު މޯލްޑިވްސް ރޯޑްރޭހާއި އުރީދޫ ކަލަރަން ތަކުގައިވެސް އޭނާ ވަނީ ބައިވެރިވެފައެވެ.