ދ. ކުޑަހުވަދޫގައި 56 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމަތު ދެއްވަމުން އެރަށު ކައުންސިލް ރައީސް އަހުމަދު ޝާމް ވިދާޅުވީ، އޭނާ މަރުވެފައި އޮއްވާ ފެނުނީ މިއަދު އިރުއޮއްސި 6:00 ހާއިރު ކަމަށެވެ.

އުމުރުން 56 އަހަރުގެ ހުސެއިން ރަޝީދު ނަމަކަށް ކިޔާ މީހަކު މަރުވެފައި އޮއްވާ ފެނިގެން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ކައުންސިލުމް މައުލޫމާތު ދެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މިއަދު އިރުއޮއްސި 6:00 ހާއިރު ދ. ކުޑަހުވަދޫ ހުޅަނގު ފަރާތު ފަޅުތެރޭގައި ދިވެހި ފިރިހެނަކު ގެނބިފައި އޮއްވާ ފެނިގެން އެރަށު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ފުލުހުން ބުނީ މި ހާދިސާގައި 6:45 ހާއިރު އެމީހާ މަރުވެފައިވާ ކަމަށް ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.