ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ސީއީއޯ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަކުދިންގެ ހިޔާގެ ސީއީއޯ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ކަމަށެވެ. އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ.
އެހެން ނަމަވެސް އޭނާ މިނިސްޓްރީގެ މަސައްކަތްތަކަށް ނުކުންނަވާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ނަމަވެސް ސީއީއޯގެ މަގާމުގައި ހުންނެވި ފަރާތް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވަނީ ކޮން މައްސަަލައަކާ ގުޅިގެން ކަމެއް ހާމައެއްނުވެއެވެ.
ހިޔާގެ ސީއީއޯ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވާއިރު ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކަމަށް ބުނާ ކުޑަ އަންހެން ކުއްޖަކު އެ ތަނުގައި އޭނާއަށް ކުރިމަތިވާ ފުރައްސާރަތައް ކިޔައިދޭ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ.
ސޯޝަލް މީޑިއާގައި އާންމުވި އެވީޑިއޯއިން އެ ކުއްޖާގެ މޫނެއް ނުފެނެއެވެ. އެ ވީޑިއޯގައި ކުއްޖާ ވަނީ އެ ތަނުގައި ކުދިން ބަލަހައްޓަން ތިބޭ މީހުންގެ ރުންކުރުކަމާއި އަޅާނުލާކަން ފާހަގަ ކޮށްފައެވެ. އަދި ރަނގަޅަށް ކާން ނުދޭ ކަމަށް ވެސް އެ ކުއްޖާ ބުނެއެވެ. އެކަމުގެ ޝަކުވާ ކުރިޔަސް އެއްވެސް އަޅާލުމެއް އަދި ފިޔަވަޅެއް ނާޅާ ކަމަށް ވެސް އެ ކުއްޖާ ބުންޏެވެ.
ހިޔާގައި އުޅޭ ފިރިހެން ކުދިންގެ ފަރާތުން ފުރައްސާރައިގެ ބަސްތައް އަމާޒުވާ ކަމަށް ވެސް އެ ކުއްޖާ ބުންޏެވެ. އަދި އެކަމާމެދު އެއްވެސް ފިޔަވަޅެއް ނާޅާ ކަަމަށް އެ ކުއްޖާ ބުނެއެވެ.
ކުޑަކުދިންގެ ހިޔާގައި ކުދިންނަށް އެންމެ ރަނގަޅު އަޅާނުލުން ނުލިބޭ ކަމާއި އިހުމާލުވާ ކަމުގެ އަޑުތައް ކުރިން ވެސް ފެތުރެ އެވެ. ބައެއް ކުދިން އެ ތަނުން ފިލައިގެން ދާ މައްސަލަތައް ވެސް ފެންމަތިވެއެވެ.
ނަން ނެތް ސިިއިއޯ އެއްތަ