ޖިންސީ ގޯނާ ކޮށް ބްލެކްމެއިލް ކުރުމާއެކު 14 އަހަރުގެ ކުއްޖަކު ރޭޕްކޮށްފައި ވަނީ ސިފައިންގެ މީހަކު ކަން އެނގިއްޖެއެވެ.

މިކަން ހިނގީ މާލޭގައި ކަމަށް ފުލުހުން ބުނެފައިވާއިރު، ފުލުހުން ވަނީ އެކަމުގެ ތުހުމަތު ވާ އުމުރުން 36 އަހަރުގެ ފިރިހެން މީހާ ރޭ ހައްޔަރު ކޮށްފައެވެ. އަދި މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ފުލުހުން ބަލަމުންދާ މައްސަލައެއްގައި ސިފައިންގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ރަސްމީކޮށް ފުލުހުން އެމްއެންޑީއެފަށް އަންގާފައިވާ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

ސިފައިންގެ މީހަކު 14 އަހަރުގެ ކުއްޖަކު ރޭޕްކޮށްފައިވާ މައްސަލައެއް ބަލަމުންދާއިރު، ދެ ސިފައިން ވެގެން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް 6 މަސް ވެގެން ދިޔައިރުވެސް ނުބަލާ، އޮއްބާލާފައިވާ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ. މިކަން ހާމަވީ، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި މުއައްސަސާތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް ބުނެ ދެއްކި ވާހަކާގައެވެ. މި ވާހަކަ ހިއްސާކުރައްވާފައި ވަނީ މި މަޝްވަރާގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ނެއްގެވި މިސާލެއްގައެވެ.

ރޮޒައިނާ ވިދާޅުވީ، ސިފައިންގެ 2 މީހަކު، 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ އެ ކުއްޖާގެ މަންމަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، މި މައްސަލައިގެ އަޕްޑޭޓެއް ހޯދުމަށް ހުދު އޭނާ ވެސް ވިލީޕޮލިހަށް ވަޑައިގެންނެވި ކަމަށާއި، ނަމަވެސް އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވިއެވެ. 15 އަހަރުގެ ކުއްޖާއަށް އެ ކުއްޖާ ރޭޕް ކުރީ ކޮންބައެއްކަން ކިޔައިދޭން އެނގޭ އިރުވެސް، އެކަން ކުރި ދެ ސިފައިންނަށް ފިޔަވަޅު ނޭޅި ކޮންމެ ދުވަހަކު ސިފައިންގެ ޔުނިފޯމުގައި އެ 2 މީޙުން ވަޒީފާއަށް ނިކުންނާތީ ރޮޒައިނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ވަނީ އެފަދަ ކަމެއް ހިނގާފައިވާކަމުގެ އެއްވެސް މައުލޫމާތު އެއްވެސް ފަރާތަކުން އެ މުއައްސަސާއާ ހިއްސާކޮށްފައެއް ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެ ވާހަކަ ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރާއި އަދި ފުލުހުންނަށް ގުޅުމުން، 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި ކަމެއް ނުވަތަ އެކަމެއް ކުރި މީހަކު ނުވަތަ އެކަން ކުރި ބަޔަކު ބުނެދެވިފައިިނުވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ސިފައިންގެ މީހެއްގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ހިނގާފައިވާކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާކޮށްފިނަމަ އެ މައްސަލައެއް ވަގުތުން ބަލައި ފިޔަވަޅު އަޅާނެ ކަަމށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިގޮތައް އަމަލު ކުރެވޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް އެމްއެންޑީއެފްގެ ބަޔާނުގައިވެއެވެ.