ޗައިނާއިން އުފެދި ދުނިޔޭގެ އެކި ހިސާބުތަކަށް ހަލުވިކަމާއެކު ފެތުރެމުންދާ 2019-އެންކޯވް ރޯގާގެ އަސަރުކޮށްގެން ޗައިނާގެ ވޫހާން ސިޓީއިން މަރުވި މީހުންގެ އަދަދު 17 އަށް އަރާފައިވާކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
ވޫހާންއަކީ މި ރޯގާ އެންމެ ފުރަތަމަ ފެތުރެން ފެށި ހިސާބެވެ. ޗައިނާގެ އެކި ޕްރޮވިންސްތަކުގެ އިތުރުން ޖަޕާން، ތައިލޭންޑް، ދެކުނު ކޮރެޔާ، ޓައިވާން އަދި އެމެރިކާއަށް މި ރޯގާ މިހާރު ފެތުރިފައިވާކަމަށް ޚަބަރު ލިބެއެވެ.
ޗައިނާގެ އޮފިޝަލުން މައުލުމާތު ދޭ ގޮތުގައި 2019-އެންކޯވްގެ ނަމުން މިވަގުތު ނަން ދީފައިވާ މި ވައިރަހަށް އެގައުމުން ޕޮޒިޓިވް މި މީހުންގެ އަދަދު ވަނީ 444 އަށް އަރާފައެވެ. މި ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމުލަ އަދަދު 500 އަށްވުރެ މައްޗަށް އަރާފައިވާކަމަށް މައުލޫމާތު ލިބެއެވެ. ކަންމިހެން އޮތްއިރު، ދުނިޔޭގެ އެކި ހިސާބުތަކުންމި ވައިރަހަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވުމުގެ ބިރުވެރިކަން މިހާރު އޮތީ އިންތިހާއަށް ބޮޑުވެފައެވެ.
މިއާއެކު ވޫހާން ސިޓީގެ މޭޔަރު ޝާއު ޝިއާންވޭންގް ވަނީ ދުނިޔޭގެ އެކި ގައުމުތަކުންނާ ޗައިނާގެ އެހެނިހެން ސަރަހައްދުތަކުން މިވަގުތު ވޫހާންއަށް ދަތުރު ނުކުރުމަށާ، ވޫހާންގައި ތިބި މީހުންވެސް އެސިޓީއިން ބޭރަށް ދަތުރު ނުކުރުމަށް އެދިވަޑައިގެންފައެވެ. ޚަބަރު ލިބޭ ގޮތުގައި، ވޫހާން ސީޓީއިން މިހާރުވަނީ އާންމު ދަތުރުފަތުރުގެ ޚިދުމަތްތައް މެދުކަނޑާލާފައެވެ.
މިދަނޑިވަޅަކީ ޗައިނާގައި ފާހަގަކުރާ އެމީހުންގެ އާ އަހަރުގެ މުނާސަބާ ކުރިމަތިވަމުން އަންނަ ދަނޑިވަޅުކަމަށްވާއިރު، މިއީ ޗައިނާގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ގައުމު ތެރޭގައްޔާ ގައުމުން ބޭރަށް ގިނަ އަދަދަކަށް ދަތުރުކުރާނެ ދުވަސްވަރެކެވެ. މިއާއެކު އެކި ހިސާބުތަކަށް މި ރޯގާ ފެތުރުމުގެ ބިރު އިންތިހާއަށް ބޮޑުވެފައި އޮތުމާއެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ އިރުޝާދުގެ ދަށުން، ބައިނަލްއަގުވާމީ އެއާޕޯޓްތައް މިހާރު ވަނީ އެލާޓަށް ގެނެސް، ފަސެންޖަރުން ސްކްރީން ކުރުމަށް އަޅާ ސަލާމަތީ ގޮތުން އަޅާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
އަންނަ މަހުގެ ކުރީކޮޅު ވޫހާންގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތް އޭޝިއަން ފުޓްބޯޅް ކޮންފެޑަރޭޝަން ވިމެންސް އޮލިމްޕިކް ކޮލިފައިންގް މެޗުތައް މިހާރު ވަނީ ޗައިނާގެ ނާންޖީންގް ސަރަހައްދުގައި ކުރިއަށް ގެންދާ ގޮތަށް ބަދަލުކޮށްފައެވެ.