މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮރޯނާވައިރަހުގެ އާއިލާއަށް ނިސްބަތްވާ އާ ރޯގާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 440 އަށް އަރާ، މި ރޯގާގައި މަރުވި މީހުންގެ އަދަދު މިހާރު 9 އަށް އަރާފައިވާ ކަމަށް ޗައިނާގެ ހެލްތް ކޮމިޝަނުން މިއަދު ބުނެފިއެވެ.

ޗައިނާގެ 13 ޕްރޮވިންސްއަކުން މި ވައިރަހަށް ޕޮޒިޓިވްވި މީހުން ފެނިފައިވާ ކަމަށާ، އަދިވެސް ފުރިހަމައަށް ހަގީގަތް ދެނެގަނެވިފައި ނުވާ މި ވައިރަސް، އެކި ގޮތްގޮތަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމުގެ އިންޒާރުވެސް ޗައިނާގެ ހެލްތް ކޮމިޝަނުން ވަނީ ދީފައެވެ.

މި ވައިރަހަށް ރަސްމީ ސިފައެއް ގައި އަދި ނަމެއް ދީފައި ނުވި ނަމަވެސް، ފަންނީ ފެންވަރުގައި މި ރޯގާއަށް މިހާރު މުހާތަބު ކުރަމުންދަނީ 2019 ނޯވެލް ކޮރޯނާވައިރަސް ނުވަތަ 2019-އެންކޯވްގެ ނަމުންނެވެ.

ވެރިރަށް ބީޖީންގްގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަންގެ ވައިސް މިނިސްޓަރު ލީ ބިން ވިދާޅުވީ، ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ޖެހޭ މި ވައިރަހަށް ބަދަލުތަކެއް އައިސް، އަދި އަދިވެސް އިތުރަށްމި ވައިރަސް ފެތުރިގެން ދިއުމުގެ ބިރުވެރިކަން އެބައޮތް ކަމަށެވެ.

ޗައިނާ ސަރުކާރުން މިހާރުވަނީ 2019-އެންކޯވް ރޯގާއަށް، 2003 ވަނަ އަހަރު ފެތުރިގެން ދިޔަ ނުރައްކާތެރި ސާސް ރޯގާއާއި އެއް ދަރަޖައެއް ދީފައެވެ. މިއާއެކު މި ވައިރަހަށް ޕޮޒިޓިވް ވާ މީހުން ކަރަންޓިން ކޮށް، ދަތުރުފަތުރުކޮށް އުޅުމުގައިވެސް ކަރަންޓީން ކުރާ އުސޫލުން ފިޔަވަޅުތައް އަޅަން ފަށާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ޗައިނާއިން ފެނުނު ކޮރޯނާވައިރަހުގެ އާއިލާގެ ރޯގާގެ އަސަރު ވެރިރަށް ބީޖިންގްއިންވެސް ވަނީ ފެނިފަ/ފޮޓޯ: އީޕީއޭ

ވައިރަހަށް ޕޮޒިޓިވް މީހުންނާ އެކި ގޮތް ގޮތުން 2000އަށްވުރެ ގިނަ މީހުންނާ ބައްދަލުވެފައިވާކަމަށްވެސް ލީ ވަނީ ވިދާޅުވެފައެވެ.

2019-އެންކޯވް ރޯގާ ޖައްސާ ވައިރަހުގެ ފެށުން އައި ގޮތް ދެނެގަތުމުގެ މަސައްކަތް، ސައިންސްވެރިން އަދިވެސް ކުރަމުންދާއިރު، މިއީ އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށްވެސް ފެތުރިގެންދާނެ ވައިރަހެއް ކަމުގެ އިންޒާރު، ޗައިނާއިންވަނީ ދީފައެވެ.

ޗައިނާއިން އުފެދިގެން އައި މި ރޯގާއާއި ގުޅޭ އެމާޖެންސީ ބައްދަލުވުމެއް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން މިއަދުގެ ފަހުގެ ވަގުތެއްގައި، ސުވިޓްޒަލޭންޑްގެ ޖެނީވާގައި ކުރިއަށް ގެންދިއުމަށްވެސް ވަނީ ތާވަލުކޮށްފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސަމާލުކަމަށް 2019-އެންކޯވް ރޯގާ ގެނެސްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

ޗައިނާގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުން 2019-އެންކޯވްގެ އަސަރު ދަނީ ފެންނަމުންނެވެ އެގޮތުން ޖަޕާނާ ތައިލޭންޑްއާ ދެކުނު ކޮރެޔާގެ އިތުރުން އެމެރިކާއިންވެސް މިހާރު ވަނީ މި ވައިރަހަށް މީހުން ޕޮޒިޓިވް ވާން ފަށާފައެވެ.