ގއ. ކަނޑުހުޅުދޫ އިސްމެޖިސްޓްރޭޓްގެ މައްސަލައިގައި މިހާރު 9 ފަރާތެއްގެ ބަޔާން ނެގިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ހަސަން ދީދީ، ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ އޮކްޓޯބަރު މަހު، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނަންބަރު ސިޓީން 195-D/171/2019/44 ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލަ ހުށަހެޅުމާ އެކު މި މައްސަލަ ކޭސް ކުރެވިގެން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި މައްސަލައިގެ ތަހުގީގު ގައި މިހާތަނަށް، 9 ފަރާތަކާ ސުވާލުކޮށް ބަޔާން ނެގިފައިވޭ، އަދި މި މައްސަލައިގެ ތަހުގީގުގައި ފާހަގަ ކުރެވިފައިވާ އިތުރު ކަންކަމާ ގުޅިގެން އިތުރު ފަރާތްތަކާ ސުވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އަދި ތަހުގީގަށް އިތުރު ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ޖޭއެސްސީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވަނީ، މެޖިސްޓްރޭޓް ހަސަން ދީދީގެ 7 މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ.

ޖޭއެސްސީން ބަލަމުންދާ ހަސަން ދީދީގެ މައްސަލަތައް:

• މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާކަމުގެ ޝަކުވާއާއި، މާލިއްޔަތު ގަވާއިދާ ހިލާފަށް އަމަލުކުރުމަށް މުވައްޒަފުންނަށް މަޖުބޫރުކުރާ މައްސަލަ

• ހަސަންދީދީގެ މައްޗަށް ތުހުމަތުކޮށް އޭނާ އަވަގުރާނަ ގޮވި ކަމަށް ބުނެ ހުށެހުޅުނު މައްސަލަ

• އޮރިޔާން ވީޑިއޯ މުވައްޒަފުންނަށް ދައްކާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ

• ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުން ކުރާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ

• ހެކިންގެ ބަޔާން ނެގުމަށް ހުރަސްއަޅާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ

• މާރާމާރި ހިންގުމަށް ހިތްވަރުދިން ކަމަށް ބުނެ ހުށަހެޅުނު މައްސަލަ

• ހުތުރު އެއްޗެތި ގޮވި ކަމަށް ބުނެ ހުށަހެޅުނު މައްސަލަ

ޖޭއެސްސީން ހިންގި ތަހުގީގުގައި ހަސަން ދީދީގެ ޖިނާއީ މައްސަލަތަކެއް ފާހަގަ ކުރެވުމުގެ ސަބަބުން އޮކްޓޯބަރު 30 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ. އަދި ހަސަން ދީދީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކޮށްފައި ވަނީ، ފުލުހުން އޭނާގެ މައްސަލަ ބަލަން ފެށިކަން އެންގުމުން ކަމަށް ވެސް ޖޭއިސްސީން ބުނެފައި ވެއެވެ.