ހުޅުދޫ އަދި މީދޫ އައްޑޫސިޓިއިން ވަކިވާން ރައީސްއަށް ޕެޓިޝަނެއް ހުށަހަޅަން އެރަށުގެ ރައްޔިތުން ތައްޔާރުވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި، މި ޕެޓިޝަން ހުށަހަޅަން ތައްޔާރުވެފައި ވަނީ، އައްޑޫސިޓީ ހުޅުދޫ އަދި މީދޫ އެ ސިޓީއިން ވަކިވެ، ވަކި ދެރަށެއްގެ ގޮތުގައި ރަށެއްގެ ހައިސިއްޔަތު ހޯދުމަށާއި އެ ދެ ރަށުގައި ރަށު ކައުންސިލް އުފެއްދުމަށް ކަމަށެވެ. އެ ޕެޓިޝަން ހުށަހެޅުމަށް ހުޅުދޫ އަދި މީދޫގެ ރައްޔިތުން އެ ޕެޓިޝަނުގައި ސޮއިކޮށް ރައީސްއަށް ޕެޓިޝަން ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށެވެ.
މި ޕެޓިޝަން ހުށަހަޅަނީ ހުޅުދޫ އަދި މީދޫގެ އިންތިޒާމް ކޮމިޓީގެ ފަރާތުން ނެވެ. އެ ކޮމިޓީގެ ފަރާތުން ރައީސަށް ހުށަހަޅަން ތައްޔާރުކޮށްފައިވާ ޕެޓިޝަނުގައި ބުނެފައި ވަނީ ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުންވަނީ ދެ ރަށުގައި ރަށު ކައުންސިލެއް އުފައްދައި، އެ ކައުންސިލްތަކަށް ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ވެސް ގާނޫނީގޮތުން ލިބިދޭ އެންމެހައި ބާރުތަކާއި އިހްތިޔާރުތަކާއި ހައްގުތައް ލިބުން ކަމަށެވެ.
އިމްތިޔާޒް ކޮމިޓީގެ ފަރާތުން ރައީސަށް ފޮނުވަން ތައްޔާރު ކޮށްފައިވާ ސިޓީގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންނަށް ލިބެންޖެހޭ އެންމެހައި ހިދުމަތްތައް ގާތުން ލިބިގަތުމަށްޓަކައި އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫގެ ރައްޔިތުންގެ މިވަގުތު ދަނީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ޕެޓިޝަނެއްގައި ސޮއިކުރަމުން ކަމަށެވެ.
އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައިވެސް އެރަށު ކައުންސިލް ހޮވަން ނޫންގޮތަކަށް އެރަށުގެ ރައްޔިތުން ވޯޓު ލާން ބޭނުން ނުވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި އައްޑޫސިޓީ މީދޫ އަދި މަރަދޫ ފޭދޫ ދާއިރާ ތަމްސީލް ކުރައްވަނީ މެންބަރު ރޮޒެއިނާ އާދަމް އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާ ތަމްސީލް ކުރައްވާ ފަރާތަކީ މެންބަރު އިލްޔާސް ލަބީބެވެ.
އެ ޕެޓިޝަނުގައި ބުނެފައިވާ ގޮތުން އެއަތޮޅު ސިޓީއަކަށް ބަދަލުވިޔަސް އެ ސިޓީގެ އިދާރީ ހުރިހާ ކަމެއް ހިންގަމުން އަންނަނީ ކުރިންވެސް އަތޮޅު ވެރިކަން ކުރި ހިތަދޫގައި ކަމަށެވެ. އައްޑޫ ސިޓީއަކަށް ވީމައި ރަށްރަށުގެ ހައިސިއްޔަތު ގެއްލި ރަށްރަށް ބަދަލުވީ އަވަށް ތަކުގެ ތެރޭގައި ހުޅުދޫ އަދި މީދޫ ހިމެނޭ ކަމަށެވެ.
ރަށު އޮފީސްތައް އުވި ވަޒީފާތައް އުވި އެ އޮފީސްތައް ބަދަލުވީ އަވަށު އޮފީސްތަކަށް ކަމަށް އެ ޕެޓިޝަނުގައި ބުނެފައި ވެއެވެ. އަދި މުވައްޒަފުން މަދުވެ ކުރާ މަސައްކަތްތައްވެސް މަދުވެ، ގިނަ މަސައްކަތްތައް ބަދަލުވީ ހިތަދޫގައި ހުންނަ ސިޓީ ކައުންސިލްގެ މައި އިދާރާއަށް ކަމަށް ޕެޓިޝަނުގައި ބުނެފައި ވެއެވެ. އެހެންކަމުން ލާމަރުކަޒީ ނިޒާމުގެ ފުރިހަމަ ބޭނުން ހުޅުދޫއާއި މީދޫގެ ރައްޔިތުންނަށް ހިފެން އަންނަނީ ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތް ލިބޭ ގޮތައް ކަންކަން ނިންމުމުގެ އިހްތިޔާރާއި ބާރު އެދެރަށުގެ އިދާރީ ދާއިރާތަކަށް ލިބިގެން ކަމަށްވެސް ޕެޓިޝަނުގައި ބުނެފައި ވެއެވެ. އަދި ހުޅުދޫއާއި މީދޫގެ ރައްޔިތުން ތަޖުރިބާ ކުރިގޮތުގައި، މިދިޔަ 9 އަހަރުގެ ތެރޭގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެ ދެރަށަށް ހާސިލް ވާންޖެހޭ ކަންކަން ހާސިލުވެ، ތަންފީޒުވެފައި ނުވާކަމަށް ޕެޓިޝަނުގައި ބުނެފައި ވެއެވެ.
އެ ޕެޓިޝަނުގައި ބުނެފައިވާ ގޮތުން ސިޓީއަކަށް އައްޑުއަތޮޅު ބަދަލުވުމުން ހުޅުދޫއާއި މީދޫ، ރަށު އޮފީހުން ކުރިން ލިބެމުން އައި ގިނަ ހިދުމަތްތައް ހިދަތޫގައި މަރުކަޒުވި ކަމަށެވެ. އަދި މި ނިޒާމްގެ ތެރެއިން ހުޅުދޫއާއި މީދޫގެ ރައްޔިތުންނަށް ލިބެން ޖެހޭ މާލީ މަންފާތަކާއި، އިދާރީ ހިދުމަތްތަކުން އެ ދެ ރަށުގެ ރައްޔިތުން މަހުރޫމްވެސް ވި ކަމަށެވެ. ގާތުން ލިބެންޖެހޭ ގިނަ ހިދުމަތްތައް ހޯދުމަށް ކަނޑު ހުރަސްކޮސް، ފޭދޫއަށް ގޮސް އެއްގަމު މަގުން ހިތަދޫއަށް ދާންޖެހޭ ކަމަށާއި، ނަމަވެސް ލާމަރުކަޒުކުރުމުގެ ރޫހަކީ ރައްޔިތުންނާއި ވީހަވެސް ގާތުން ހިދުމަތް ދިނުން ކަމަށް އެ ޕެޓިޝަނުގައި ބުނެފައި ވެއެވެ.
ސިޓީ ކައުންސިލްގައި ހުޅުދޫ އަދި މީދޫގެ ކައުންސިލަރުން ތިއްބެވި ކަމުގައި ވިޔަސް ކައުންސިލުން ކަންކަން ނިންމަނީ ވޯޓުން ކަމަށް ވާތީ ވަރަށް މަދު ފަހަރެއްގައި މެނުވީ ހުޅުދޫ އާއި މީދޫގެ މަސްލަހަތަށާއި، ތަރައްގީއަށް ރިއާޔަތްކުރެވިފައި ނޯންނަކަމަށް ޕެޓިޝަނުގައި ބުނެފައި ވެއެވެ.
އެހެންކަމުން އެ ދެރަށަށް ވަކި ކައުންސިލެއް ބޭނުންވާ ކަމަށާއި، ސިޓީއަކީ މުޅި އަތޮޅުގައި ފަތުރާ 'ސާލަކަށް' ނުވާކަން ތަޖުރިބާއާއި ގާނޫނުން ސާފުވާން އޮތުމާއި، ލާމަރުކަޒު ކުރުމުގެ ރޫހާއި އެއްގޮތައް ހުޅުދޫއާއި މީދުގެ ރައްޔިތުންނަށް އެމީހުންނާ ގާތުން ހިދުމަތް ދެވޭނެ ގޮތަކީ ހަމައެކަނި އެއީކަމަށް ޕެޓިޝަނުގައި ބުނެފައި ވެއެވެ. އަދި އިދާރީ ހިންގުމާއި ދެރަށުގެ މަސްލަހަތާއި ގުޅޭ އެންމެހައި ކަންކަމުގެ އިހްތިޔާރާއި ބާރު ރައްޔިތުންނަށް ލިބެން އޮތް ގޮތަކީވެސް އެއީކަމަށް ޕެޓިޝަނުގައި ބުނެފައި ވެއެވެ.