މިދިޔަ ހޯމަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ނ. މާޅެންދޫ ސުކޫލްގެ ޕްރިންސިޕަލް ސަސްޕެންޑް ކޮށްފިއެވެ.

ފަސް ގްރާމްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މާޅެންދޫ ސުކޫލްގެ ޕްރިންސިޕަލް ޔޫސުފް އާދަމް ވަނީ ނ. ހެނބަދޫ ކޯޓުން އިއްޔެ ދޫކޮށްލާފައެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް އެ އަތޮޅު ލަންދޫ ކޯޓުން ޖެހި ހަތް ދުވަހުގެ މުއްދަތު އިއްޔެއަށް ވަނީ ހަމަވެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާޅެންދޫ ސުކޫލްގެ ޕްރިންސިޕަލް ޔޫސުފް އާދަމް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އެގޮތުން ސިވިލް ސާވިސް ކޮމިޝަންގެ ގަވާއިދުގެ ދަށުން އޭނާ 30 ދުވަހަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޔޫސުފް އާދަމް ހައްޔަރުކޮށްފައިވަނީ ލޯންޗަކުން އޭނާ ރަށަށް ގެންދިޔަ ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ފެނުމާއި ގުޅިގެނެވެ.