ގައުމީ ބޮޑީ ބިލްޑިންގް ޓީމަށް ފުރަތަމަ ފަހަރަށް ގެނައި ބިދޭސީ ކޯޗު ރާއްޖެ ދޫކޮށް ފިލައިފިއެވެ.
ގައުމީ ބޮޑީ ބިލްޑިންގް ޓީމަށް ފުރަތަމަ ފަހަރަށް ގެނައި ބިދޭސީ ކޯޗަކީ އިންޑީއާގެ ކޯޗުކަމަށްވާ އަނޫރާގް އަނިލްކުމާރެވެ. ބޮޑީބިލްޑިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއެމް) އާއި ސްޕޯޓްސް މިނިސްޓްރީ އާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އިންޑިއާގެ ކޯޗު އަނޫރާގް އަނިލް ކުމާރް ރާއްޖޭގެ ބޮޑީބިލްޑިންގް ޓީމުގެ ކޯޗަކަށް ހަމަޖެއްސީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ތެރޭ އެވެ. އަނޫރާގް އަކީ އިންޑިއާގެ ފިޓްނެސް ޓްރެއިނަރެއްގެ ގޮތުގައި މަސަތްކަތް ކުރަމުން އައި މީހެކެވެ.
އެނގިފައިވާގޮތުގައި އޭނާ ރާއްޖެ ދޫކޮށް ފިލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައެވެ. އޭނާ ފިލާފައިވަނީ ސީދާ ކޮން ސަބަބަކާ ހުރެކަމެއް އިނގިފައިނުވާ އިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އިންޑޮނޭޝިއާގެ ބަތާމްގައި ބޭއްވި އޭޝިއާގެ ބޮޑީބިލްޑިންގް މުބާރާތާއި ހިސާބުން ކޯޗާއި ބޮޑީބިލްޑިންގް އެސޯސިއޭޝަނާ ދެމެދު މައްސަލަތަކެއް ވަނީ ޖެހިފަ އެވެ.
އެއީ ސިންގަޕޫރު މަގުން ފެރީގައި އިންޑޮނޭޝިޔާގެ ބަތާމްއަށް އެތެރެވާން އުޅުމުގެ ތެރޭގައި ޖެހުނު މައްސަލައެއްގަ އެވެ. ސިންގަޕޫރަށް ކޯޗު ގެންދިޔައީ އޭނާގެ ވިސާ ހަމަނުޖައްސައެވެ. އެހެންކަމުން ސިންގަޕޫރުގެ އިމިގްރޭޝަނުން ވަނީ އޭނާ ޑީޕޯޓްކޮށް އަނބުރާ ރާއްޖެއަށް ފޮނުވާލާފައެވެ. އަދި އެ މައްސަލައިގައި ކޯޗު ގައިގަނޑަކަށް 10 ގަޑިއިރު ޑިޓެންޝަނުގައި ބޭންދިކަމަށް ވެސް ވެއެވެ.
އެކަމަކު އެއަށްފަހުން ރާއްޖޭގައި ކުރިއަށް ގެންދިޔަ ޓްރެއިނިންގް ތަކުގައި އޭނާ ބައިވެރިވި އެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ހަބަރެއް ނެތުމުން ފުލުހުންނާ އެކު ގޮސް އޭނާ ދިރިއުޅޭ ކޮޓަރި ބެލުމުން އޭނާ އެތާނގައި ދިރި ނޫޅޭކަން ވަނީ އިނގިފަ އެވެ. އަދި ފުލުހުން ބެލި ބެލުމުގައި އޭނާ ރާއްޖެ ދޫކޮށް ގޮސްފައިވާ ކަން ވެސް ވަނީ އިނގިފަ އެވެ.