ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހިޔާނާތުގެ ދައުވާއެއްގެ ޝަރީއަތެއް މާދަމާއަށް ކުރިމިނަލް ކޯޓްގައި ތާވަލު ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ ތާވަލްވާ ގޮތުން އަދީބަށް ކުރާ ހިޔާނާތްތެރިވުމުގެ ދައުވާގެ ޝަރީއަތް މާދަމާއަށް މެންދުރުފަހު 2:00 ގައި އޮންނާނެއެވެ.
އަދީބުގެ މައްޗަށް މިފަހުން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހަތް ދައުވާއެއް އުފުލިއެވެ. އެ ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެންނެވެ.
މި ދައުވާތަކަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ.
އެ ދައުވާތައް އުފުލާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށްފަހު ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުންނެވެ.
އެންމެ ފަހުން ބޭއްވި ޝަރީއަތުގައި އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަދީބު ވަނީ އޭނާގެ ޝަރީއަތް ލައިވްކޮށް ދިނުމަށް ވެސް ކުރިމިނަލް ކޯޓުގައި އެދިވަޑައިގެންފަ އެވެ. ނަމަވެސް އެކަމާމެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
އެންމެ ފަހުން ބޭއްވި ޝަރީއަތުގައި އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަދީބުގެ މައްޗަށް މިހާތަނަށް ސާބިތުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެއް މައްސަލަ އެވެ. އެއީ މާބިންހުރާ މައްސަލަ އެވެ. ނަމަވެސް އެ ހުކުމް ހައިކޯޓުން ބާތިލްކޮށް ކުރިމިނަލް ކޯޓަށް އަލުން ބަލަން ވަނީ އަންގާފައެވެ. އަދި ހައިކޯޓުގެ އެ ހުކުމް މިހާރު ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ނަމަވެސް އެ މައްސަލަ މިވަގުތަށް ނަގަން ބޭނުންވާ ކަމަށް އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ބުނެފައެވެ.