ކޮރޯނާ ވައިރަސް ރާއްޖެއަށް އައުމުގެ ފުރުސަތު އޮތުމުން ރައްކާތެރިވުމުގެ ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިކަމާއި ގުޅިގެން އެޗްޕީއޭއިން ނެރުނު ނޫސްބަޔާނުގަިއ ބުނެފައިވަނީ، މި ވައިރަސްއަކީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީގައި ފެތުރެމުންދާ ވައިރަސް އެއް ކަމަށާއި ޗައިނާގައި މި ބަލި އުޅޭ ސަރަހައްދުތަކުން ބަލި ޖެހިފައިވާ 142 މީހުން މިހާތަނަށް ފެނިފައިވާ ކަމަށެވެ. އަދި މި ބަލީގައި ދެމީހަކު މަރުވެފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ބުނީ ޗައިނާގައި މިވައިރަސް އައުޓްބެރޭކްވި ސަރަހައްދަކީ ސީފުޑާއި ޖަނަވާރު ވިއްކާ މާރުކޭޓު ސަރަހައްދެއް ކަމަށެވެ. އަދި މި ބަލި ޖެހިފައިވަނީ އެ މާރުކޭޓުގައި މަސައްކަތް ކުރާ މީހުންނަށާއި އެ މާރުކޭޓަށް ޒިޔާރަތް ކުރާ މީހުންނަށް ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ވަނީ މި ބަލިން ރައްކާތެރިވުމުގެ ގޮތުން ޗައިނާއަށް ދަތުރުކުރާ ފަރާތްތަކުން އަމަލު ކުރަންވީ ގޮތް ހާމަކޮށްފައެވެ. އެގޮތުން ދޫނިސޫފާ ސޫތްޕާއި ޖަނަވާރު ގެންގުޅޭ ނުވަތަ ވިއްކާ އަދި ކަތިލާ ސަރަހައްދު ތަކަށް ނުދިއުމާއި މި ވައިރަސްގެ ސަބަބުން ބަލިވެފައިވާ މީހުން ކައިރީ ނުއުޅުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އަދި ކެއްސައި ކިނބިހި އަޅާއިރު ޓިޝޫއަކުން އަނގަ އާއި ނޭފަތް ރަނގަޅަށް ނިވާކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
އެޗްޕީއޭއިން ބުނީ މި ބަލީގެ ހާލަތު މޮނިޓަ ކުރަމުން އަންނަ ކަމަށާއި އަދި ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅަމުން އަންނަ ކަމަށެވެ.