މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮރޯނާ ވައިރަހުގެ އަސަރު ދިވެހިރާއްޖެއާއި ހަމައަށް އައިސްދާނެ ކަމަށްޓަކައި އެފަދަ ކަމަކުން ރައްކާތެރި ވުމުގެ ގޮތުން މިހާރުވެސް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާ، މި ބަލިން ރައްކާތެރިވުމަށްޓަކައި ޗައިނާއަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ދިވެހިރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ގޮވާލައިފިއެވެ.

ޗައިނާގައި ފެތުރެމުންދާ ކޮރޯނާވައިރަހުގެ އާއިލާގެ އާ ރޯގާ އުފެދިގެން އައި ވުހާން ސިޓީގައި ސީފުޑްއާއި އެކި ކަހަލަ ޖަނަވާރު ގަނެވިއްކާ ބާޒާރު ހިމެނޭ ސަރަހައްދުތަކުން ކަމަށްވާއިރު، މި ތަންތަން މި ފަދަ ތަންތަން މިހާރު ބަންދުކޮށްފައިވާކަމަށް އެޗްޕީއޭގެ ބަޔާނުގައިވެއެވެ. ޗައިނާއިން ފެނުނު މި ބައްޔަށް، ޖަޕާނުން 1، އަދި ތައިލޭންޑްއިން 2 މީހުން ޕޮޒިޓިވް ވެފައިވާއިރު ޗައިނާއިން އެކަނިވެސް 140 އަށްވުރެ ގިނަ މީހުން މިހާރު ވަނީ މި ވައިރަހަށް ޕޮޒިޓިވް ވެފައެވެ. އަދި މި ރޯގާގައި ޗައިނާއިން މަރުވި މީހުންގެ އަދަދު 3 އަށް އަރާފައިވާކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.

ޗައިނާއިން ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ އާ ރޯގާއިން ސަލާމަތްވުމަށް ދުނިޔޭގެ އެކި ހިސާބުތަކުގެ ވައިގެ ބަނދަރުތަކުގައި ފަސެންޖަރުން ސްކްރީން ކުރުމަށް ހިންގާ އޮޕަރޭޝަންތައް ވަރުގަދަކޮށްފައިވާއިރު، ބައެއް ގައުމުތަކުންވަނީ ޗައިނާއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ޓްރެވެލް އެޑްވައިޒަރީ ނެރެފައެވެ.

ޗައިނާއަކީ ދިވެހިންގެ މެދުގައިވެސް މަގުބޫލު މަންޒިލަކަށްވާއިރު، ޗާއިނާއަށް ދަތުރުކުރުމުގައި އަންނަނިވި ކަންކަމަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ ގޮވާލާފައެވެ.

  • ދޫނި ސޫފާސޫފީ އަދި ޖަނަވާރު ގެންގުޅެ، ވިއްކާ، އަދި ކަތިލާ ތަންތަނަށް ނުދިއުން
  • ބަލި މީހުންނާ ގާތުގައި ނުއުޅުން
  • ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން
  • ކެއްސާ، ކިނބިހި އަޅާއިރު ޓިޝޫއަކުން އަނގަޔާ ނޭފަތް ރަނގަޅަށް ނިވާ ކުރުން
ޗައިނާގެ ވޫހާންއޭ ކިއުނު ސަރަހައްދުން ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ވައިރަހުގެ އަސަރު ތައިލޭންޑްއާ ޖަޕާނުންވެސް ވަނީ ފެނިފަ/ފޮޓޯ: ފްލިޕްބޯޑް

އަދި ޗައިނާގައި ބަލި ފެތުރޭ ސަރަހައްދަށް ދަތުރެއް ކުރުމަށްފަހު ހުންއައިސް، ނޭވާލާން އުނދަގޫވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ އަންނަނިވި ކަންކަން ކުރުމަށްވެސް އެޗްޕީއޭވަނީ އިލްތިމާސްކޮށްފައެވެ.

  • މާސްކް އަޅައިގެން އުޅުން
  • ސިއްހީ ހިދުމަތް ހޯދުމަށް ފިޔަވާ އެހެން ކަމަކަށް ބޭރަށް ނިކުމެ ނުއުޅުން
  • ވީ އެންމެ އަވަހަކަށް ސިއްހީ ފަރުވާ ހޯދުން
  • ސިއްހީ ހިދުމަތްދޭ ފަރާތާ، ކަމާބެހޭ އެހެން ފަރާތަކުން އެދިއްޖެ ހިނދެއްގައި ފާއިތުވީ 14 ދުވަހު ދަތުރުކުރި މަންޒިލްތަކާ ޓްރާންސިޓް ކުރި މަންޒިލްތަކާ ގުޅޭ ދަތުރު-ތަފްސީލު އެފަރާތްތަކާ ހިއްސާކުރުން
  • ކެއްސާ، ކިނބިހި އަޅާއިރު ޓިޝޫއަކުން އަނގަޔާ ނޭފަތް ރަނގަޅަށް ނިވާ ކުރުން އަދި، ބޭނުންކުރި ޓިޝޫ (ޑަސްޓްބިން ފަދަ އެއްޗަކަށް ލައިގެން) ވީ އެންމެ އަވަހަކަށް ނައްތާލާ، ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން
ޗައިނާއިން ފެނުނު ކޮރޯނާވައިރަހުގެ އާއިލާގެ ރޯގާގެ އަސަރު ވެރިރަށް ބީޖިންގްއިންވެސް ވަނީ ފެނިފަ/ފޮޓޯ: އީޕީއޭ

ޗައިނާއިން ފެނިފައިވާ ކޮރޯނާވައިރާހުގެ އާ ރޯގާގެ ހާލަތު މޮނީޓާކޮށް، ބައްޔާ ބެހޭ އިތުރު މައުލޫމާތު ހޯދާ، ޑަބްލިއު.އެޗް.އޯގެ ލަފާއާ އެއްގޮތަށް، ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެ އިދާރާއިން އަޅަމުންދާކަންވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.