ދެކުނުގައި ރަށެއްގައި ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރު ކުރި 80 އަހަރުގެ ފިރިހެން މީހާއަކީވެސް އެކަމުގެ ރެކޯޑް އޮތް މީހެއް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލުން ބުނީ، 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރު ކުރި 80 އަހަރުގެ ފިރިހެން މީހާއަކީ ކުރިންވެސް އެކަމުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ. އަދި އޭނާ މީގެ ކުރިންވެސް އެފަދަ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ރޭގެ ވަގުތެއްގައި ފުލުހުން ބުނީ ދެކުނުގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި 80 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެރަށުގެ މީހަކު "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ އެމީހާއަކީ ރަށުގައި މަގުމަތިން ފެންނަ ކުދިންނާ ބެހޭ މީހެއް ކަމަށެވެ. ނަމަވެސް އޭނާ މިކަން ކުރަނީ އެ ސަރަހއްދުގައި ބޮޑު މީހަކު ނުހުންނަ ވަގުތު ބަލާފައި ކަމަށެވެ. ރަށަކީ ކުޑަ އާބާދީއެއްގެ ރަށެއް ކަމުން އެހާ ގިނަ މީހުން އެރަށުގައި ނުޅޭތީ މަގުމަތިންވެސް މީހުން ފެންނަލެއް ވަރަށް މަދުވާނެ ކަމަށާއި އޭނާ ކުރިންވެސް މައްސަލައެއްގައި ގެންދިޔަކަން އެނގިފައި ވާކަމަށް އޭނާ ބުނެއެވެ. އަދި އޭނާ ދޫކޮށްލާފައި ވަނީ މާ ބޮޑު ހެއްކެއް ނެތުމުން ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އެމީހާ ބުނެއެވެ.
ދާދި ފަހުން ޖިންސީ ގޯނާ ކުރާ އެތައް މައްސަލަތަކެއް ފެންމަތިވެފައި ވާއިރު 2 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އެކުއްޖާގެ ކާފަ އަދި މުނިކާފަ ވަނީ ހައްޔަރުކޮށްފައެވެ. އިހުމާލުގެ މައްސަލައެއްގައި އެކުއްޖާގެ ބައްޕަވެސް ހައްޔަރު ކުރިއެވެ. މި ހާދިސާވެސް ހިގާފައިވަނީ ދެކުނުގެ ރަށެއްގައެެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރި އުމުރުން 81 އަހަރުގެ މީހާއަކީވެސް އެކަމުގެ ރެކޯޑު އޮތް މީހެއް ކަމަށް ރަށު ކައުންސިލުންނާއި ފުލުހުން ބުނެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަ ބެލުމަށްފަހު ދޫކޮށްލާފައި ބަހައްޓާތީ އެފަދަ މައްސަލަތައް ތަކުރާރުވާން ފުރުސަތު ލިބުމަށް މަގުފަހިވެގެން ދާކަމަށް މީހުން ބުނެއެވެ. މިފަދަ މައްސަލަތައް ހައްލު ކުރުމަށާއި ކިުޑަކުދިންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދަނީ ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.