ކައުންސިލަރެއްގެ ރަސްމީ ހައިސިއްޔަތު ޖެހާނީ ކައުންސިލަރަކާ، މީހަކު ބެހުނީމައި ނޫން ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

2 އަަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވެފައި ވަނިކޮށް ރީކޯ މޫސަ މިހެން ވިދާޅުވެފައި ގއ. ކަނޑުހުޅުދޫގެ ކައުންސިލް ރައީސް ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި، 2 އަަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ދިރާސާ ކުރުމަށް ބޭއްވި ބައްދަލުވުން ތަކުގެ ތެރެއިން ތިންވަނަ ބައްދަލުވުުމުގައި ގއ. ކަނޑުހުޅުދޫގެ ކައުންސިލްގެ ރައީސް ވަނީ، ކުއްޖާއަށް ޖިންސީ ގޯނާ ކުރި މުނިކާފަގެ މައްސަލަތައް އޭނާއަށް ރަސްމީ ހައިސިއްޔަތަކުން އެނގިވަޑައގެންފައި ނުވާ ކަމަށް ވިދާޅުވެފައެވެ. ރަށު ތެރެއިން އަޑުތައް އިވުނު ނަމަވެސް ރަސްމީ ސިފައެއްގައި އެކަން އެނގިވަޑައިގެންފައި ނުވާތީ އޭނާ ފިޔަވަޅެއް ނާޅުއްވައި ހުންނެވިކަމަށް އެ ކައުންސިލަރު ވިދާޅުވެފައި ވެއެވެ.

މި ވާހަކަތަކާ ގުޅިގެން މޫސާ ވިދާޅުވީ، ކައުންސިލް ގާނޫނަށް އިސްލާހެއް ލާންވެއްޖެ ކަމަށެވެ. އެގޮތުން ގެންނަންވީ އިސްލާހެއްގެ ގޮތުގައި މޫސަ ފާހަގަކުރެއްވީ ރަސްމީ ހައިސިއްޔަތުން ކައުންސިލަރު ނުކުންނަވަން ޖެހޭނީ، މުދިމަކު ވިޔަސް އެހެން މީހަކު ވިޔަސް ސީދާ ކައުންސިލަރާ ބެހުނީމައި ނޫން ކަމަށް ބުނާ މާއްދާއެކެވެ.

"ރަސްމީ ހައިސިއްޔަތުން. ކައުންސިލަރު ނުކުންނަން ޖެހޭނީ މުދިމަކު ވިޔަސް އެހެން މީހަކު ވިޔަސް. ސީދާ ކައުންސިލަރާ ބެހުނީމަ ކަމަށް. ނުބީހެންޏާ ކަނޑާ ހަމަ"
ރީކޯ މޫސަ

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރިލް މަހުގައި ބެއްވުމަށް ހަމަަޖެހިފައި ވާއިރު، މޫސަ ވިދާޅުވީ މިހާރު ގޭގެއަށް ވަދެ ވޯޓުލެވޭ މީހުންނާ ވާހަކަ ދައްކާ ހާލު އަހާ ހެދުމަށް ވުރެ މިވަގުތު އިންތިހާބު ފަސްކޮށް ދޮރުން ދޮރަށް ހިނގައިގެން ބަލަންވީ ކުޑަކުޑިންނަށް ޖިންސީ ގޯނާގެ މުސީބާތް ޖެހިފައި ތިބީ ކިތައް ގޭގައި ތޯއެވެ.

2 އަހަރު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވުމާ އެކު އެފަދަ އިތުރު މައްސަލަތައް މިއަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން 5 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި، 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުން 12 އަހަަރުން ދަށުގެ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މިދުވަސްކޮޅު ރޭޕާ ދެކޮޅަށް އާންމުން އަންނަނީ އަޑު އުފުލަމުންނެވެ. އެގޮތުން އަޑު އުފުލުން ކުރިއަށް ދާއިރު ކުރިން ހުށަހަޅާފައި ހުރި ޖިންސީ ގޯނާގެ މައްސަލަތައް ބެލުން ލަސްވެފައިވާ ކަަމަށާއި، ބައެެއް ފަރާތްތަކަށް އިންސާފު ނުލިބޭ ވާހަކަތަކު އަޑު ދަނީ ގަދަވަމުންނެވެ.