އދގެ ސަލާމަތީ މަޖިލީހުގައި ކަޝްމީރުގެ މައްސަލައާއި ބެހޭ ގޮތުން މަޝްވަރާތަކެއް ކުރުމަށް ޗައިނާގެ އެހީއާއިއެކު ޕާކިސްތާނުން ކުރި މަސައްކަތްތައް ފެއިލްވިތާ މާ ގިނަ ދުވަހެއް ނުވަނީސް، އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ހާން، އަނެއްކާވެސް ކަޝްމީރު އެޖެންޑާ ފަތުރުއްވަން ފައްޓަވައިފިއެވެ.

އިމްރާން ވަނީ ކަޝްމީރުގެ މައްސަލައާއި ގުޅިގެން ގިނަ އަދަދެއްގެ ޓްވީޓްތަކެއް ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ކުރައްވާފައެވެ. އިންޑިއާއިން ބުނާ ގޮތުގައި މި ޓްވީޓްތަކުގައިވާ ވާހަކަތަކުގައި ދޮގު އިލްޒާމްތަކެއްވެސް އެކުލެވެއެވެ.

ކަޝްމީރުގެ މައްސަލައާއި ގުޅިގެން ކުރެއްވި ޓްވީޓްއެއްގައި އިމްރާން ވިދާޅުވީ އިންޑިއާގެ އޮކިއުޕޭޝަން ފޯސަސް އިން ޖައްމުއާއި ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ސަރަހައްދުގައި އާންމުންނަށް އަމާޒުކޮށް ހަމަލާދީ، އާންމު ރައްޔިތުން މަރަމުންދާ ދިއުން އިތުރުވަމުން އަންނަކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ ތެރެއަށް އދގެ ސަލާމަތީ މަޖިލީހުން ވަނުން ކޮންމެހެން ބޭޏުންވެފައި ވާކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

ލައިން އޮފް ކޮންޓްރޯލް ސަރަހައްދުގައި އިންޑިއާއިން މިފަދަ ޖަރީމާތައް ހިންގަމުންދާއިރު ހިމޭން އޮބްޒާވަރެއްގެ ގޮތުގައި މަންޒަރު ބަލަން ތިބޭ ބައެއްގެ ގޮތުގައި، ލައިން އޮފް ކޮންޓްރޯލް ސަރަހައްދުގައި އޮތުމަކީ ޕާކިސްތާނަށް މާ ފަސޭހަ ވާނެ ކަމެއް ނޫންކަމަށްވެސް އިމްރާން ކުރެއްވި އިތުރު ޓްވީޓްއެއްގައި ވަނީ ފާހަގަކުރައްވާފައެވެ.

ދިގުލާ ގޮސްފައިވާ ކަޝްމީރުގެ މައްސަލައިގެ ތެރެއަށް ބައިނަލްއަގުވާމީ މުޖުތަމައު ވަދެދިނުމަށް އެދި ޕާކިސްތާނުން މިހާތަނަށް ގޮވާލި އެއްވެސް ގޮވާލުމަކަށް އެދެވޭ އިޖާބައެއް ލިބިފައެއް ނުވެއެވެ.