ޗައިނާގައި ފެތުރެމުންދާ ކޮރޯނާވައިރަހުގެ އާއިލާގެ ރޯގާއެއް ކަމަށް ބެލެވޭ ގޮތް ނޭނގޭ ރޯގާއަށް 2 ދުވަހުގެ ތެރޭގައި 139 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

މިފަހަރު މި ރޯގާއަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި މި ވައިރަސް އެންމެ ފުރަތަމަ ފާހަގަ ކުރެވުނު ވޫހާން ސިޓީގެ ބޭރުން ޝޭންޒެން އާއި ވެރިކަން ކުރާ ބީޖިންގްއިން ޕޮޒިޓިވް މީހުންވެސް ހިމެނެއެވެ.

މިއާއެކު މި ވައިރަހަށް ޕޮޒިޓިވް މީހުންގެ އަދަދު މިހާރު މިވަނީ 200 އަށް ވުރެ މައްޗަށް އަރާފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފާހަގަކުރެވުނު، ނޭވާލާ ނިޒާމަށް ޖެހޭ މި ރޯގާގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 3 އަށް އަރާފައެވެ. ވޫހާންގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 9 މީހަކު އޮތީ ކްރިޓިކަލް ހާލަތެއްގައި ކަންވެސް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ޗައިނާގެ އިތުރުން ޖަޕާނާ ތައިލޭންޑުންވެސް މި ވައިރަހުގެ އަސަރު މިހާރު ފެނިފައިވާއިރު، އެގައުމުތަކުން މި ވައިރަސް ފެނިފައިވަނީ ޗައިނާއަށް ދަތުރުކުރި މީހުންގެ ހަށިގަނޑުންކަން ފާހަގަކުރަންޖެހެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ބުނީ މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވާން ފަށާފައިވަނީ، ބައްޔަށް ސްކްރީންކޮށް ޓެސްޓްކުރާ މިންވަރު އިތުރުވުމުގެ ސަބަބުންނެވެ.

މި ވައިރަހުގެ ސާމްޕަލް ނަގައިގެން ޗައިނާއާއި ޑަބްލިއު.އެޗް.އޯއިން ކުރިއަށް ގެންދިޔަ ތަހުލީލުތަކުގެ ނަތީޖާއަށް ބަލާއިރު، މިއީ ނުރައްކާތެރި ކޮރޯނާ ވައިރަހުގެ އާއިލާގެ ވައިރަހެއް ކަމަށް ވަނީ ދައްކާފައެވެ. ކޮރޯނާ ވައިރަހަކީ އެތައް ވައިރަސްތަކެއްގެ މައްޗަށް އެކުލެވޭ ބޮޑު އާއިލާއެކެވެ. ނަމަވެސް މިއާއިލާއިން އިންސާނުންނަށް އިންފެކްޝަން ޖައްސާކަން ފާހަގަކުރެވިފައިވަނީ 6 ވައިރަހެކެވެ. އެންމެ ފަހުން ޗައިނާއިން މި ފެނުނު ވައިރަހާއެކު މިއަދަދު 7 އަކަށް އިތުރުވާނެއެވެ.

ޗައިނާއިން އުފެދި ފެތުރެމުން އަންނަ އާ ވައިރަހަށް ސަމާލުވުމުގެ ގޮތުން ޑަބްލިއު.އެޗް.އޯއިންވަނީ ގައުމުތަކުގެ އެއާޕޯޓްތަކަށް އިރުޝާދު ދީފައެވެ. މިއާއެކު ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ ގައުމުތަކެއްގައި އެއާޕޯޓް ސްކްރީނިންގް ވަރުގަދަ ކޮށްފައިވާއިރު، ބައެއް ގައުމުތަކުންވަނީ ޗައިނާއަށް ދައުތުކުރުމުގައި ސަމާލުވުމަށް ޓްރެވެލް އެޑްވައިޒަރީ ނެރެފައެވެ.