އިތުބާރެއްގެ މައްޗަށް ބިނާކޮށްގެން އެޅީ ބޮޑު ފިޔަވަޅެއް ކަމަށާ، ޝާހީ އާއިލާގެ އިސް މަގާމުތައް ދޫކޮށްލުން ނޫން ގޮތެއް ނެތްކަމަށް، އިނގިރޭސިވިލާތުގެ ޑިއުކް އޮފް ސަސެކްސް އަދި ވަލީއަހުދުގެ ދަރިކަލުން ޕްރިންސް ހެރީ ބުނެފިއެވެ.

ރޭގެ ވަގުތެއްގައި ކުރިއަށްދިޔަ އިވެންޓެއްގައި ވާހަކަދައްކަމުން ހެރީ ބުނީ، ޝާހީ މަގާމުތައް ދޫކޮށްލިއެއް ކަމަކު، އާންމުންގެ ފައިސާ ހަރަދު ކުރުމަކާ ނުލާ، ރާނީ ހިދުމަތް ކުރުމަށް ޚުދު އޭނާއާއި ޑަޗަސް މޭގަންވެސް ބޭނުންވި ކަމަށާ، ނަމަވެސް އެކަމަށްވެސް ފުރުސަތެއް ނެތް ކަމަށެވެ.

މިއީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ އިސް މަގާމުތަކާ ލަގަބުތައް ދޫކޮށްލަން ނިންމިކަން އިއުލާންކުރި ފަހުން، ހެރީ އާންމުކޮށް ދިން ފުރަތަމަ ތަގުރީރެވެ.

ޝާހީ އާއިލާގެ މަގާމާ ލަގަބު ދޫކޮށްލި ކަމުގައި ވީ ނަމަވެސް، އޭނާގެ އަމިއްލަ ވަޒަނަކީ އޭނާ އަދިވެސް އިންތިހާއަށް ލޯބިވާ އިނގިރޭސިވިލާތް ކަމަށާ، އެކަމަކީ ދުވަހަކުވެސް ބަދަލުވާނެ ކަމެއް ނޫންކަމަށެވެ.

ޝާހީ އިސް މަގާމުތަކާ ލަގަބުތައް ދޫކޮށްލުމަށްފަހު ކެނެޑާގައިވެސް ވަގުތުތަކެއް ހޭދަކުރާނެކަން ހެރީގެ ދެމަފިރިން ވަނީ ހާމަކޮށްފައެވެ. ކެނެޑައަކީ ޑަޗަސް އޮފް ސަސެކްސް އަދި މަޝްހޫރު ޓީވީ ބަތޮލާ މޭގަންގެ ހިތުން ހާއްސަ ޖާގައެއް ހޯދާފައިވާ މަންޒިލެކެވެ. ދެމަފިރިންގެ އަލަތު ދަރިފުޅު އާޗީ ލިބުނު ފަހުން ހެރީގެ އާއިލާއިންވަނީ ކެނެޑާގައި ގިނަ ވަގުތުތަކެއްވެސް ހޭދަކޮށްފައެވެ.

އެފްރިކާގެ ދެކުނުގެ ހިސާބުތަކުގައި އެޗްއައިވީގެ ޝިކާރައަކަށް ވެފައިވާ ކުޑަކުދިންނަށް އެހީވުމަށް ހެރީ ހިންގާ ފައުންޑޭޝަންގެ ހަފުލާއެއްގައި ވާހަކަދައްކަން ފަށަމުން ހެރީ ބުނީ، ފާއިތުވީ ދުވަސްތަކުގައި އެ ދެމަފިރިންނާ ގުޅޭ ގޮތުން ތަފާތު އެކި ގޮތް ގޮތަށް ވާހަކަތައް އަޑު އިވިފައި އޮންނާނެ ކަމަށާ، ނަމަވެސް 'ހެރީ'ގެ ހައިސިއްޔަތުން ހިއްސާކުރެވެން އޮތް މިންވަރަކަށް އަމިއްލައަށް އެވާހަކަތައް ހިއްސާކުރާނެ ކަމަށެވެ. އެއީ އެއްވެސް ހާލެއްގައި ޑިއުކް އޮފް ސަސެކްސް ނުވަތަ އިނގިރޭސިވިލާތުގެ އަމީރެއްގެ ހައިސިއްޔަތުން ދައްކާ ވާހަކަތަކެއް ނޫންކަންވެސް ހެރީ ވަނީ ފާހަގަކޮށްފައެވެ.

މާމާފުޅުދެކެ އިންތިހާއަށް ލޯބިވާ ކަމަށާ، އެކަމަށްވެސް ބަދަލެއް ނާންނާނެކަން ހެރީ ވަނީ ފާހަގަކޮށްފައެވެ. އަދި އިނގިރޭސިވިލާތުގެ އަސްކަރިއްޔާއަށް އޭނާގެ ހިތުގައި ދެވިފައިވާ ގަދަރާ ޝަރަފަށްވެސް ފަނޑުކަމެއް ނާންނާނެ ކަމަށް ހެރީ ވަނީ ބުނެފައެވެ.