ރާއްޛޭގެ ޝަރުއީ ކޯޓޫތަކުގައި ހުރި ޖިންސީ ގޯނާގެ މައްސަލަަތައް އަވަސްކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ގޮވާލައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް، ކޯޓުތަކުން އަވަސް ކުރުމަށް މިއަދު އެކޮމިޝަނުން ބޭއްވި މިއަހަރުގެ ހަވަނަ ޖަލްސާގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

މިއަދު ޖޭއެސްސީގައި ބޭއްވި ޖަލްސާގައި އެފަދަ މައްސަލަަތައް ކޯޓުތަކުގައި ލަސްވުމަށް ދިމާވާ ސަބަބު ދެނެެގަތުމަށް ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ ބައްދަލުކޮށް މައްސަލަތައް އަވަސް ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް އެ މައްސަލަަތައް އަވަސްކުރަން އެޅޭނެ ފިޔަވަޅުތައް ބެލުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި މި މަސައްކަތް މިހާރުން މިހާރަށް ފަށައި، މި ހަފްތާތެރޭ ނިންމުމަށްވެސް ޖޭއެސްސީން ނިންމާފައިވާ ކަމަށް ބުނެއެވެ.

މީގެ އިތުރުން ޖޭއެސްސީން ބުނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަަތައް ބްލޮކް ޓްރައިލްސް ނިޒާމެއްގެ ތެރެއިން ބަަލަން ފެށޭނެ ނިޒާމެއް ޝަރުއީ ދާއިރާ ތެރޭގައި ގާއިމު ކުރުމަށާއި، މި ފަދަ މައްސަލަަތައް ކޯޓުތަކުގައި ލަސްވުމެއް ނެތި ކުރިއަށް ގެންދެވޭނެގޮތަަކަށް ކަންކަން ރޭވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެންގުމަށް ވެސް ވަނީ ނިންމާފައެވެ.

މިދިޔަ ބުދަ ދުވަހު 2 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ މުޅި ރާއްޛޭގެ އެކި ކަންކޮޅުތަކުގައި މީހުންދަނީ ރޭޕް ކުރުމާ ދެކޮޅަށް އިހުތިޖާޖުކޮށް އަޑުއުފުލަމުންނެވެ. އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ކުއްޖާގެ ބައްޕައާއި ކާފައަދި މުނިކާފަ ވަނީ ހަޔަރަުކޮށް، އަދި ބަނދުގެ މުއްދަތަށް 15 ދުވަސް ޖަހާފައެވެ. އަދި މި މައްސަލަ ދަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީން ދިރާސާ ކުރަމުންނެވެ.