އުމުރުން 2 އަހަރު ނުވާ ތުއްތު ކުއްޖަކަށް ޖިންސީ އަނިޔާ ކޮށްފައިވާ މައްސަލަ އެމްއާރްއެމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެ ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނީ، މިއީ އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އެމްއާރްއެމުން ބުނީ، މި މައްސަލަ ފެންމަތި ވުމާއެކު، މިކަހަލަ ގިނަ އެތައް މައްސަލަތަކެއް ފާއިތުވި އަހަރުތަކުގައި ހިނގާފައިވާ ކަމާއި އަދި ގިނަ މައްސަލަތަކެއް ރިޕޯޓު ނުކުރެވި ހުރި ކަމަށާއި، ރިޕޯޓު ކުރެވިފައި ހުރި އެތައް މައްސަލަތަކަށް ފިޔަވަޅު ނޭޅި ހުރިކަންވެސް މީޑިއާއިން ހާމަވެފައިވާ ކަމަށެއެވެ. އަދި އެ މައްސަލަ ތަކުގައި ތުހުމަތު ކުރެވުނު ފަރާތްތަކަށް އެދެވޭ ގޮތެއްގައި ފިޔަވަޅު ނޭޅުމުގެ ސަބަބުން، އެމީހުން މުޖުތަމައުގައި މިނިވަން ކަމާއެކު އުޅެމުން ދާތީ އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމްއަރްއެމުން ބުނީ މި ކަންކަމުގައި ޒިންމާ ވާންޖެހޭ އެތައް މުއައްސަސާއެއް ވާކަމަށާޢި، ގާނޫނުތައް ހެދިފައި ހުރީ މިކަހަލަ މައްސަލަ ތަކުގައި ހަރުކަށި އަދަބު ދެވޭ ގޮތަށް ކަމަށެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ، ދިވެހި މުޖުތަމަޢަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އެ ޕާޓީން ސިފަ ކުރެއެވެ.
މިކަހަލަ މައްސަލަ ތަކުގައި ފިޔަވަޅު ނޭޅި ހުރުމަކީ އިސްލާމްދީނާއި ގާނޫނު އަސާސީން ކުޑަކުދިންނަށް ދީފައިވާ ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމެއް ކަމަށް އެމްއާރްއެމުން ބުނެއެވެ. އެމްއާރްއެމުން ބުނީ މިކަންކަން ހުއްޓުވޭނީ، ގާނޫނީ ގޮތުން ޒިންމާ ހަވާލުކުރެވިފައިވާ ގުޅުންހުރި ހުރިހާ މުއައްސަސާތައް އަދާކުރަންޖެހޭ ޒިންމާ އާއި ރައްޔިތުންގެ ފަރުދީ ޒިންމާވެސް ފުރިހަމައަށް އަދާ ކޮށްގެން ކަމަށެވެ. މިބާވަތުގެ މައްސަލަ ތަކުގައި ތުހުމަތު ކުރެވޭ ކޮންމެ މީހަކާމެދު ލަސްނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް އެ ޕާޓީން ބުނެއެވެ.
މީގެ އިތުރުން، މިފަދަ ބޮޑެތި ޖަރިމާތައްހިންގާ އެންމެހާ ފަރާތްތައް ހޯދައި ގާނޫނުގައި ކަނޑައެޅިފައިވާ ހައްގު އަދަބު އެފަރާތްތަކަށް ދިނުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ. އަދި ކުރިއަށް އޮތްތާނގައި މިފަދަ ނުބައި ލާއިންސާނީ އަމަލުތައް ހުއްޓުވަމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ވެސް އެ ޕާޓީން ގޮވާލާފައިވެއެވެ. ހަމަ އެއާއެކު، އަނިޔާ ލިބުނު ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، އެކުދިން ފުރިހަމަ ގޮތުގައި ހެދި ބޮޑުވުމަށް ބޭނުންވާ ސިއްހީ އަދި ނަފްސާނީ ފަރުވާއަށް މަގު ފަހިކޮށްދީ އެކުދިންގެ ހައްގުތައް ހޯދައިދިނުމަށް އެ ޕާޓީން ގޮވާލިއެވެ.
އެމްއާރްއެމުން ބުނީ މިސަރުކާރުން އެންމެ އިސްކަމެއް ދެއްވާ ކަމެއްގެ ގޮތުގައި މިކަން ހައްދަވާ، ސޯޝަލް ސާވިސް ސެކްޓަރު ހަރުދަނާ ކޮށް ބޭނުންވާ ވަސީލަތްތައް ވިހާވެސް އަވަހަކަށް އިތުރު ކުރަން ޖެހޭ ކަަމަށެވެ. އަދި މި ބާވަތުގެ އިޖުތިމާއީ މައްސަލަ ހައްލުކުރެވޭނީ ސަރުކާރާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި، ކައުންސިލްތަކާއި، މިނިވަން މުއައްސަސާ ތަކާއި ސިޔާސީ ޕާޓީތަކާ، އެންމެހާ ދިވެހި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށާއި އަދި ފަރުދީ ޒިންމާ ފުރިހަމަ ގޮތުގައި އަދާ ކޮށްގެން ކަމަށް އެ ޕާޓީން ބުނެއެވެ.