ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރައިލި މައްސަލައިގެ ތަހުގީގު ނިންމަންޖެހޭ މުއްދަތު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިތުރުކޮށް ދީފިއެވެ.
ޕީޖީ އޮފީހުން މިގޮތަށް މުއްދަތު އިތުރު ކޮށްދީފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުން ޕީޖީއަށް ލިބިދީފައިވާ ބާރެއްގެ ދަށުންނެވެ. އެ ގާނޫނުގައި ބުނެފައިވަނީ ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރާ ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައި ތަހުގީގު ނިންމައި، އެ މީހަކަށް ދައުވާ ކުރަން ޖެހޭނެ ކަމަށެވެ. ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުން އެދޭ އެދުމެއްގެ މައްޗަށް ބިނާކޮށް، ތަހުގީގު ނިންމުމުގެ މުއްދަތު އިތުރުކޮށް ދިނުމުގެ ބާރު އެ ގާނޫނުގެ ދަށުން ޕީޖީއަށް އޮވެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލޭގައި ޓެކްސީގައި ދަތުރު ކުރަމުން ދަނިކޮށް، ގާސިމްގެ ކަރަށް ވަޅިން ހަމަލާދީ އޭނާ މަރައިލި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދު 21،އެވެ. ގާސިމް އަތުން ފޭރެން އުޅުމުގެ ތެރޭގައި އޭނާގެ ކަރަށް ވަޅިން ހަމަލާ ދެވުނު ކަމަށް ބުނެ ތަހުގީގުގައި އަދުހަމް ވަނީ ކުށަށް އެއްބަސްވެފައެވެ.
އަދުހަމްގެ ބަންދު މުއްދަތު އިތުރުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެހެންކަމުން އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކުރިތާ 30ވަނަ ދުވަސް މާދަމާއަށް ހަމަވާނެއެވެ. އެހެންކަމުން ޕީޖީން ވަނީ އެ ތަހުގީގު ނިންމުމަށް އިތުރު 15 ދުވަސް ފުލުހުންނަށް ދީފައެވެ. ކުށުގެ ރެކޯޑް އޮންނަ އަދުހަމް ފޭރެން އުޅުމުގެ ތެރޭގައި ގާސިމް މަރުވީ އޭނާ ހަޅޭއްލަވަން ފެށުމުން އޭނާގެ ކަރަށް ވަޅި ހެރިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.