އިނގިރޭސިވިލާތުގެ އަމީރު ހެރީގެ ނަމުގެ ކުރިއަށް ބޭނުން ކުރަމުން 'ހިޒް ރޯޔަލް ހައިނަސް' ނުވަތަ ޝާހީ އިއްޒަތުގެ ވެރިޔާގެ ލަގަބު ދެން ބޭނުން ނުކުރާނެ ކަމަށާ، ޝާހީ މަގާމުތަކަށް އާންމު ފަންޑުން ފޯރުކޮށްދެމުންދިޔަ އެހީވެސް ދެން ހެރީއަށް ނުލިބޭނެ ކަމަށް ބަކިންގްހަމް ޕެލަސްއިން އިއުލާންކޮށްފިއެވެ.

ހެރީ ކައިވެނިކޮށްގެން އުޅޭ އެމެރިކާގެ ބަތޮލާ، މޭގަން މާކެލްއަށްވެސް މިކަން އޮތީ މިހެން ކަމަށް ޝާހީ ގަނޑުވަރުގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ރަސްމީ އެއްވެސް ކަމެއްގައި އިނގިރޭސިވިލާތުގެ ރާނީ ރަމްޒުކޮށްދިނުމަށް ހެރީގެ ދެމަރިފިން ހަރަކާތްތެރި ނުވާނެ ކަމަށްވެސް ޚަބަރު ލިބެއެވެ.

ޝާހީ މަގާމު ދޫކޮށްލުމަށްފަހު ކެނެޑާއާއި އިނގިރޭސިވިލާތުގައި ވަގުތުތައް ހޭދަކުރައްވާނެ ކަމަށް ހެރީ ބުނެފައިވާއިރު، އިނގިރޭސިވިލާތުގައި އޭނާގެ އާއިލީ ގެއެއްގެ ގޮތުގައި ބަލަމުންދާނީ ފްރޮގްމޯ ކޮޓެޖް ކަމަށާ، އެތަނުގެ މަރާމަތާ އާބާތުރަ ފިލުވުމަށް އާންމުންގެ ޓެކްސް ފައިސާއިން ޚަރަދުވި 2.4 މިލިއަން ޕައުންޑް، އަނބުރާ ދައްކާ ޙަލާސް ކުރުމަށް ހެރީގެ ދެމަފިރިން ތިބީ ތައްޔާރަށް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޝާހީ އާއިލާއަށް މި އައި އާ ބަދަލަށް އަމަލު ކުރަން ފަށާނީ މިއަހަރުގެ ބަހާރު މޫސުމުގެ ދުވަސްވަރު ކަމަށް ޚަބަރު ލިބެއެވެ.