ރާއްޖޭގެ ރަށެއްގެ ކައުންސިލެއްގެ ރައީސަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަމުން ދާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިގޮތަށް ވިދާޅުވެފައިވަނީ ރޭ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުގައިއެވެ. އޭނާ ވިދާޅުވީ ކައުސިލެއްގެ ރައީސަކު ކުޑަ ކުއްޖަކާ ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް މިހާރުވެސް ޖެންޑާއިން ބަލަމުންދާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.

ޖިންސީ ގޯނާގެ ތުހުމަތު އިތުރު މީހަކަށް ރޮޒައިނާ ކުރައްވާފައި ވާއިރު، އިއްޔެ ރޭ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުގައި ރޮޒައިނާ ވަނީ 15 އަހަރުގެ އަންހެން ކުއްޖަކަށް ދެ ސިފައިން ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރައްވާފައެވެ. އަދި އެމައްސަލަ އެ ކުއްޖާގެ މަންމަ ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ އެފަދަ ކަމެއް ހިނގާފައިވާކަމުގެ އެއްވެސް މައުލޫމާތު އެއްވެސް ފަރާތަކުން އެ މުއައްސަސާއާ ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެ ވާގހަކަ ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރާއި އަދި ފުލުހުންނަށް ގުޅުމުން، 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި ކަމެއް ނުވަތަ އެކަމެއް ކުރި މީހަކު ނުވަތަ އެކަން ކުރި ބަޔަކު ބުނެދެވިފައިިނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ރޮޒައިނާ ރޭ ވިދާޅުވީ ސިފައިންނަށް އެ މައުލޫމާތު ނުލިބި ވާނަމަ އެ މައުލޫމާތު ހިއްސާކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރޮޒައިނާ އިއްޔެ ރޭ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށާއި އެމައްސަލައިގެ އަޕްޑޭޓެއް ހޯއްދަވަން ހުދު އޭނާ ވެސް ވިލީޕޮލިހަށް ވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

15 އަހަރުގެ ކުއްޖާއަށް އެ ކުއްޖާ ރޭޕް ކުރީ ކޮންބައެއްކަން ކިޔައިދޭން އެނގޭ އިރުވެސް، އެކަން ކުރި ދެ ސިފައިންނަށް ފިޔަވަޅު ނޭޅި ކޮންމެ ދުވަހަކު ސިފައިންގެ ޔުނިފޯމުގައި އެ ދެ މީހުން ވަޒީފާއަށް ނުކުންނާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށްވެސް ރޮޒައިނާ ވިދާޅުވެފައިވެއެވެ،