ދެކުނުގެ ރަށަކުން 15 އަހަރުގެ ކުއްޖަކު ބަނޑުބޮޑުވެފައި ވާ ކަމަށާއި، މިކަމުގައި ކުއްޖާއަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުއްޖާގެ ދޮންބައްޕައަށް އޮތް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ބަނޑުބޮޑުވެފައިވާ އުމުރުން 15 އަހަރުގެ ކުއްޖަކީ މިއަހަރު ގްރޭޑް 10 ގައި ތައުލީމު ހާސިލު ކުރަމުންދާ ކުއްޖެއް ކަމަށެވެ. އަދި އެ ކުއްޖާގެ ބަނޑަށް މިހާރު ތިން މަސްވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން ކުއްޖާ ނިސްބަތްވާ ރަށުގެ މީހަކު 'ދަ ޕްރެސް' އަށް ކިޔައިދިން ގޮތުގައި، 15 އަހަރުގެ ކުއްޖާއަށް މީގެ ކުރިން ވެސް އެ ކުއްޖާގެ ދޮންބައްޕަ ޖިންސީ އަނިޔާކޮށްފައި ވެއެވެ. އަދި އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ވަނީ، ކުއްޖާގެ ބޮޑުބޭބެގެ ބެލުމުގެ ދަށަށް ކުއްޖާ ބަދަލުކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރު ފަހުކޮޅު އެ ކުއްޖާ އަމިއްލަ ގެއަށް ބަދަލުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ދިން މީހާ ބުނީ، ކުއްޖާ ބަނޑުބޮޑުކަން އެނގިފައި ވަނީ ކުއްޖާ ގެއިން ފިލައިގެން އުޅެނިކޮށް ކަމަށެވެ. ކުއްޖާ ގެއިން ފިލައިގެން އުޅެނިކޮށް އާއިލާއިން ފުލުހަށް އެކަން އަންގައި، ޖެންޑާ މިނިސްޓްރީން އެ ކުއްޖާ ގެންގޮސް ޓެސްޓް ހެއްދިއިރު ބަނޑަށް 3 މަސް ވެފައިވާ ކަމަށް އޭނާ މައުލޫމާތު ދީފައި ވެއެވެ. އަދި ޑޮކްޓަރު ސްކޭން ހެއްދުމުގެ ކުރިން ވެސް ކުއްޖާގެ ބަނޑަށް 3 މަސް ކަމަށް ބުނެފައިވާ ކަމަށް ވެއެވެ.

މި މައްސަލާގައި ހިމެނޭ ކުއްޖާގެ ދޮންބައްޕައަކީ، އެގޭގެ އެހެން ކުދިންނާ ވެސް ބެހޭ މީހެއް ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. ނަމަވެސް، މި މައްސަލާގައި ކުއްޖާ ބަނޑުބޮޑުވެފައި ވަނީ ކުއްޖާގެ ދޮން ބައްޕައަށް ނޫން ކަމަށާއި، އެ ކުއްޖާ ރައްޓެހިވެގެން އުޅޭ މީހާއަށް ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ، ދެކުނުގެ ރަށަކުން 15 އަހަރުގެއް ކުއްޖެއްގެ މައްސަލަ އެ މިނިސްޓްރީއަށް ރިޕޯޓްކޮށް ބަލަމުންދާ ކަމަށެވެ. އަދި މި ކުއްޖާގެ މައްސަލަ 2013 ވަނަ އަހަރު ވެސް އެ މިނިސްޓްރީއަށް ހުށަހަޅާ އެޓެންޑް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފުލުހުން ބުނީ އެފަދަ މައްސަލައެއް ހުށަނާޅާ ކަމަށް ކުރިން ބުނެވުނީ ކުށަކުން ކަމަށާއި، ރާއްޖޭގެ ދެކުނުގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު ގޮވައިގެން 18 އަހަރުން މަތީގެ ބޮޑި ފިރިހެނެއް ފިލާފައިވާ މައްސަލަ ޑިސެމްބަރު 15 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފެންމަތިވެފައި ވާއިރު، މިއަހަރުގެ ސްކޫލް ކިޔެވުން ފެށުނު ފަހުން ވެސް ކުއްޖާ ސްކޫލަށް ނުދާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.