ޖިންސީ ގޯނާގެ މައްސަލަތަކުގައި އިހްމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅިގެން ނޫނީ ހައްލެއް ނުލިބޭނެ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ސިރާޖު ވިދާޅުވީ، ޖިންސީ ގޯނާ ކުރާ ފަރާތްތަކަށް ފިޔަވަޅު ނޭޅެނީ ގާނޫނު ނެތިގެން ނޫން ކަމަށާއި ގާނޫނުގައި ބަޔާންކުރާ އަދަބު ގޯސްވެގެން ވެސް ނޫން ކަމަށެވެ. މި ކަމުގައި އޮތީ އިހްމާލުވުމުގެ މައްސަލައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ފަރުދީ އިހްމާލާއި މުޖުތަމައުގެ އިހްމާލާއި މުއައްސަސާތަކުގެ އިހްމާލު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކަށް ހައްލެއް ލިބިގެން ދާނީ އިހްމާލު ވާ ފަރާތްތަކަށް ފިޔަވަޅު އެޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ފަހަކަށް އައިސް ގިނައިން ފެންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ ބުރާސްފަތު ދުވަހު ދެކުނުގެ ރަށެއްގައި 2 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކަކީ އެކުއްޖާގެ ބައްޕައާއި ބައްޕަ ފަރާތު ކާފަ އަދި މުނިކާފައެވެ. މި މައްސަލައިގައި އިއްޔެ ފުލުހުން ވަނީ ތިން މީހުންވެސް ހައްޔަރުކޮށްފައެވެ. އެއީ 33 އަހަރުގެ ފިރިހެނަކާއި 62 އަހަރުގެ ފިރިހެނަކާއި 81 އަހަރުގެ ފިރިހެނެކެވެ. މީގެ ތެރެއިން އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ ބަނަދަށް 15 ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން، މިއަދު 5 އަހަރުގެ ކުޑަ ކުއްޖަކަށް 56 އަހަރުގެ ދިވެހުި ފިރިހެނެއް ޖިންސީ ގޯނާ ކުރި އިތުރު މައްސަލައެއްވެސް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މި ދެ ހާދިސާއަކީވެސް ދެކެުނުގެ ރަށެއްގައި ހިނގާފައިވާ ދެ މައްސަލައެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ދެކުނު ދެ ރަށެއްގައި ހިނގާފައިވާ ދެ މައްސަލައެކެވެ.