2019 ވަނަ އަހަރު ނިމެންދަނިކޮށް ޗައިނާގެ ވޫހާން އޭ ކިއުނު ސަރަހައްދުން ފެނުނު ސާސް އާއިލާގެ އާ ކޮރޯނާ ވައިރަހުގެ އަސަރު، ހާހަކަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާނެ ކަމަށް ބެލެވޭ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.

މި ވައިރަހުގެ އަސަރުކޮށް ނިއުމޯނިއާ ޖެހިގެން ޗައިނާއިން 2 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު ޖަޕާނާ ތައިލޭންޑްއިންވެސް މި ވައިރަހުގެ އަސަރު މިހާރު ވަނީ ފެނިފައެވެ.

ޗައިނާގެ ސިއްހަތާ ބެހޭ އޮފިޝަލުން މިއަދު ވިދާޅުވީ، މި ބައްޔަށް އިތުރު 4 މީހަކު ޕޮޒިޓިވް ވެފައިވާކަމަށެވެ. 4 މީހުންގެ ހާލުވެސް 'ސްޓޭބަލް'ކަމަށް ޗައިނާގެ ވޫހާން މުނިސިޕަލް ހެލްތް ކޮމިޝަނުން އާންމުކުރި ބަޔާނެއްގައި ވަނީ ފާހަގަކޮށްފައެވެ.

ޗައިނާއިން މައުލޫމާތު ދޭ ގޮތުގައި މި ވައިރަސް ފެތުރެމުންދަނީ 'ސީފުޑް' ބާޒާރެއްގެ ކައިރި ހިސާބުތަކުގައެވެ.

ކަންމިހެން އޮތްއިރު، ލަންޑަންގައި ހުންނަ އެމްއާރްސީ ސެންޓާ ފޯ ގްލޯބަލް އިންފެކްޝަސް ޑިޒީޒް އެނާލިސިސް އެޓް އިމްޕީރިއަލް ކޮލެޖުގެ ސައިންސްވެރިންގެ ޓީމަކުން މި ވައިރަސް ދިރާސާ ކުރުމަށްފަހު އެކުލަވާލި ރިޕޯޓް ބުނާ ގޮތުގައި، ޖަނަވަރީ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ވޫހާންއިން 1723 މީހަކަށް މި ވައިރަހުގެ އަސަރު ވާނީ ކޮށްފައެވެ. ތައިލޭންޑްއާ ޖަޕާނަށްވެސް މި ވައިރަސް ފެތުރިފައިވަނީ ވޫހާންއިން ކަމަށްވާއިރު، ސައިންސްވެރިން މައުލުމާތު އެކުލަވާލާފައިވަނީ ވޫހާންއިން ބައިނަލްއަގުވާމީ މަންޒިލްތަކަށް ކުރި ދަތުރުކުތަކުގެ ތަފާސް ހިސާބުތަކަށް ބަލައިގެންނެވެ.

ދިރާސާ ރިޕޯޓް އެކުލަވާލެއްވުމުގައި އިސްކޮށް ހަރަކާތްތެރިވި މުސައްނިފު، ޕްރޮފެސާ ނީލް ފާގަސަން ވިދާޅުވީ އެއް އިންސާނެއްގެ ގައިން، އަނެއް އިންސާޏެއްގެ ގަޔަށް މި ވައިރަސް އަރާފާނެ ކަމާ މެދު ކުރިއަށްވުރެ ސީރިއަސްކޮށް ސަމާލުވާންވީ ވަގުތު އައިސްޖެހިއްޖެކަމަށެވެ. އަދި މި ވައިރަހަކީ ޖަނަވާރުތަކެއްގެ ސަބަބުން ފެތުރެމުންދާ ވައިރަހެއް ކަމުގައި ވުން ނާދިރު ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެއާޕޯޓް ސްކްރީންކުރުން

ޗައިނާގައި ފެތުރެމުންދާ ނުރައްކާތެރި ހުމަކީ ކޮރޯނާވައިރަހުގެ އާ ސްޓްރޭންޑެއް ކަމަށާ، މި ވައިރަސް ފެތުރިދާނެ ކަމުގެ ބިރު އެބައޮތްކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިންވަނީ މީގެ ދުވަސްކޮޅެއް ކުރިންވެސް ދީފައެވެ. އަދި މިކަމާ ބެހޭ އިންޒާރުތައް، ދުނިޔޭގެ އެކި ހިސާބުތަކުގެ ހޮސްޕިޓަލުތަކަށްވެސް އެޖަމިއްޔާއިން ދީފައިވާކަމަށް ޚަބަރު ލިބެއެވެ.

ކުރިއަށް އޮތީ ޗައިނާގެ ގިނަ ބަޔަކު ފާހަގަކުރާ އެމީހުންގެ އާ އަހަރު ކަމަށްވާއިރު އެ ދުވަސްވަރަކީ އާ ވައިރަސް ފެތުރެމުންދާ ޗައިނާއިން ގިނަ އަދަދެއްގެ ބަޔަކު ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރުކުރާނެ ދުވަސްވަރަކަށް ވުމުން، އޭޝިއާގެ ގިނަ ގައުމުތަކަކުން ވަނީ އެއާޕޯޓްތަކުގެ މޮނިޓަރިންގް ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިންވަނީ، ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުގެ ސަބަބުން، ބަލީގެ އަލާމާތްތަކާ ސިއްހަތަށް ސަމާލުވުމަށް، ޗައިނާއަށް ދަތުރުކުރާ ފަރާތްތަކަށް ގޮވާލާފައެވެ. މީގެ އިތުރުން، އެމެރިކާއިންވަނީ ޗައިނާގެ ވޫހާންއާއި ދަތުރުކުރުމާ ދެކޮޅަށް އެޑްވައިޒަރީއެއް އާންމުކޮށްފައެވެ.

ސާސް އާއިލާގެ އާ ވައިރަހާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ އެއާޕޯޓްތަކެއް މިހާރު ވަނީ ސަމާލަކަށް ގެނެސްފައެވެ.