ދެ ސިފައިން ވެގެން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް 6 މަސް ވެގެން ދިޔައިރުވެސް ނުބަލާ، އޮތްބާލާފައިވާ ކަން ވެއްޖެއެވެ.

މި ކަން ހާމަވެފައި ވަނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނަ ކުރި މައްސަލައާ ގުޅިގެން މިއަދު މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މުއައްސަސާތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް ބުނެ ދެއްކި ވާހަކާގައެވެ. މި ވާހަކަ ހިއްސާކުރައްވާފައި ވަނީ މި މަޝްވަރާގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ނެއްގެވި މިސާލެއްގައެވެ.

ރޮޒައިނާ ވިދާޅުވީ، ސިފައިންގެ 2 މީހަކު، 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ އެ ކުއްޖާގެ މަންމަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، މި މައްސަލައިގެ އަޕްޑޭޓެއް ހޯދުމަށް ހުދު އޭނާ ވެސް ވިލީޕޮލިހަށް ވަޑައިގެންނެވި ކަމަށާއި، ނަމަވެސް އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވިއެވެ.

15 އަހަރުގެ ކުއްޖާއަށް އެ ކުއްޖާ ރޭޕް ކުރީ ކޮންބައެއްކަން ކިޔައިދޭން އެނގޭ އިރުވެސް، އެކަން ކުރި ދެ ސިފައިންނަށް ފިޔަވަޅު ނޭޅި ކޮންމެ ދުވަހަކު ސިފައިންގެ ޔުނިފޯމުގައި އެ 2 މީޙުން ވަޒީފާއަށް ނިކުންނާތީ ރޮޒައިނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރޮޒައިނާ ވަނީ ފުލުހުންނާއި، ޖެންޑާ އަދި ކޯޓުގައި މިފަދަ ކިތައް މައްސަލަ އޮތްތޯ އޮޅުން ފިލުވަން ޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ މައްސަލަތައް ރިޕޯޓް ކުރިއަސް މުއައްސަސާތަކުން އެކަމާ އަޅާ ނުލާކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ، މައްސަލައެއް ރިޕޯޓް ކުރިއަސް މުއައްސަސާތަކުން ތިބެނީ "އޭގެ މައްޗަށް އަރާ" ކަމަށެވެ.

މިރޭގެ ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ވަނީ މިފަދަ އަމަލުތައް ހިންގާ މީހުން މީގެ ފަހުން މިފަދަ ކަންކަން ނުކުރާނެ ފަދަ ހަރުކަށި އަދަބެއް ދިނުމަށް ގޮވާލައްވާފައެވެ. އަދި ކަމާ ގުޅޭ މުއައްސަސާތައް ޖަވާބުދާރީ ކުރުވާ، ނިޒާމުތައް ހަރުދަނާ ކުރުމަށް ގޮވާލައްވާފައެވެ. އަދި ޖެންޑާ މިނިސްޓްރީ އޯވާހައުލް ކުރުމަށް ވެސް ބައެއް މެންބަރުން ވަނީ ގޮވާލައްވާފައެވެ.