2 އަހަަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުށްވެރިކޮށްފިއެވެ.

އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނީ، އުމުރުން 1 އަހަރާއި 9 މަހުގެ ކުއްޖަކަށް އެ ކުއްޖާގެ އާއިލާގެ ބައެއް މެންބަރުންގެ ފަރާތުން ޖިންސީ ގޯނާލިބުނު މައްސަލައަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ ބަޔާނުގައި ބުނީ މި ލާއިންސާނީ އަނިޔާވެރި އަމަލު އެންމެ ހަރުކަށި އިބާރާތުން ކޮށްވެރިކޮށް، މި އަމަލު ހިންގި ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ވަނީ ގޮވާލާފައިވެއެވެ.

އެޗްއާރްސީއެމުން ވަނީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ މި ތުއްތު ކުއްޖާ ދިރިއުޅުނު މާހައުލުގައިވާ އެހެނިހެން ކުދިންނަކީ އެފަދަ ދަށުދަރަޖައިގެ އަމަލުތަކުން ރައްކާތެރިވެފައިވާ ކުދިންތޯ ވަގުތުން ވަގުތަށް ކަށަވަރު ކުރުމަށް ކަމާގުޅުން ހުރި މުއައްސަސާތަކަށް އަންގާފައެވެ. އަދި މި ލާއިންސާނީ ދަށުދަރަޖައިގެ އަނިޔާވެރި އަމަލު އެނގިތިބެ އެކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަަޅު ނާޅައި، އިހުމާލުވި ފަރާތްތަކާ މުއައްސަސާތައް ހޯދުމުގެ ތަހުގީގު އެ ކޮމިޝަނުން ފަށާފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

އެޗްއާރްސީއެމުން ބުނީ ދެ އަހަރުގެ ކުއްޖާގެ މައްސަލާގައި މުއައްސަސާތަކުން އަމަލު ކުރަމުންދާ ގޮތް އެ ކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެޗްއާރްސީއެމުން ބަޔާނެއް ނެރެފައި ވާއިރު، މި މައްސަލައާ ގުޅިގެން މިއަދު ވަނީ އިހުތިޖާޖުތަކެއް ބާއްވާފައެވެ. އެގޮތުން، ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އިހުތިޖާޖު ކޮށްފައިވާއިރު، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓު ކުރިމަތީ ވެސް ވަނީ އިހުތިޖާޖު ކޮށްފައެވެ. އަދި ގއ. ގެމަނަފުށީ ޕޮލިސް ސްޓޭޝަން ކުރިމަތީ އިހުތިޖާޖު ކޮށްފައިވާއިރު ދެ އަހަރުގެ ކުއްޖާގެ ބައްޕަ ހުރި ހުޅުމާލޭ ފްލެޓް ދޮރުމައްޗަށް އާންމުން އެއްވެ ވަނީ އަޑުއުފުލާފައެވެ.

2 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ދެފަރާތަކީ ކުއްޖާގެ ޒިންމާދާރު މަގާމެއްގައި ތިބި ދެމީހުންނެވެ. ތުހުމަތު ކޮށްފައިވަނީ ކުއްޖާގެ މުނިކާފައާއި ކާފައަށެވެ. މި މައްސަލާގައި ތުހުމަތު ކުރެވެނީ ދެ ފިރިހެނަކަށް ކަމަށް ބުނެ ފުލުހުން ވަނީ 62 އަހަރުގެ މީހަކާއި 81 އަހަރުގެ މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިހާރު 2 އަހަރުގެ ކުއްޖާ ވަނީ ރައްކާތެރި މާހައުލަކަށް ގެންގޮސްފައި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.