ރާއްޖޭގެ ދެކުނުގެ ރަށެއްގައި 2 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ކުއްޖާގެ ކާފައާ މުނިކާފަވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މި މައްސަލާގައި މިހާތަނަށް ބެލި ބެލުމުން އެ ކުއްޖާއާ މެދު ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ 2 ފިރިހެނަކު ހިމެނޭ ކަމަށެވެ.

އޭގެ ތެރެއިން އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު 3:05 ހައިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނާއިރު، މި މައްސަލާގައި ހިމެނޭ 81 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިއަދު 3:25 ހާއިރު ފުލުހުން ބުނެއެވެ.

ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެނީ އެ ކުއްޖާގެ ބައްޕައާއި ކާފައާއި މުނިކާފައަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެމީހުން ނިސްބަތްވާ ރަށުގެ މީހަކު ބުނީ، 2 އަހަރުގެ ކުއްޖާގެ ކާފައަކީ އެ ރަށުގައި މުދިންކަން ކުރާ މީހެއް ކަމަށާއި އެކުއްޖާގެ ކާފައާއި މުނިކާފައަކީ ރަށުގައި މަގުމަތީގައި އުޅޭ ކުޑަކުދިންނަށް ވެސް ޖިންސީ ގޯނާ ކުރަން މަސައްކަތް ކުރާ ބައެއްކަން ރަށުގެ މީހުންނަށް އެނގޭ ކަމަށެވެ.

އެއް އާއިލާއަކަށް ނިސްބަތްވާ 3 މީހުން 2 އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ އިރު، އޭގެތެރެއިން އެ ކުއްޖާގެ ކާފައާއި މުނި ކާފައަކީ މީގެ ކުރިންވެސް ރަށުތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ބުނާ ދެމީހުންނެވެ. މަގުމަތީގައި ކުޅެން އުޅޭ ކުދިންނަށް ފައިސާ ދީގެން ހައްދާލައިގެން ކުދިން ގެންދާ ކަމާއި، މީގެ ކުރިންވެސް އެކުއްޖާގެ މުނިކާފަ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހުށަހަޅާފައި ވާނެކަމަށްވެސް އެރަށު މީހަކު ބުނެއެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުއްޖާއަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެ ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ ކުއްޖާ ވަނީ އާއިލާއިން ވަކިކުރެވި، ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.