ޒަމާނުއްސުރެ، ހަވީރުގަޑީގައި ޖޯލިފައްޗަށް އެއްވެ އަނގަތެޅުމަކީ ދިވެހިންގެ އާދައެކެވެ. އެކި ގޮތްގޮތުން އަޑުއިވޭ ގުދޯ ގުދޯ ވާހަކަތަކާއި، ދިރިއުޅުމުގެ މުހިންމު ވާހަކަތައް ވެސް އެކަކު އަނެކަކާ ހިއްސާކުރުމާއި ޖޯކު ޖެހުމަކީ މިފަދަ ޖޯލިފަތީގައި މީހުން ކުރާ ކަންކަމެވެ. ޒަމާނީ ބަހުން ބުނާނަމަ ޖޯލިފަތީ "ގޮސިޕް"އެވެ.

މިހާރަކަށް އައިސް، އެއްބަޔަކު ޖޯލިފަތީގައި ތިބެ އަނގަތެޅުމަށް ދައްކާ ވާހަކައެއްގެ ގޮތުގައި މިހާރު ވެފައި މިވަނީ ޖިންސީ ފުރައްސާރައިގެ ވާހަކައެވެ. ބައެއް ރަށްރަށުގައި މިކަން ވެފައި މިވަނީ ހަމަ އެހާވެސް އާންމު ކަމަކަށެވެ. އެއްބަޔަކަށް މިއީ އާންމު ކަމަކަށް ވިއަސް މިއީ ގިނަ ބަޔަކަށް އެތައް އަސަރެއް ކުރުވި ކަމެކެވެ. ކާފަ އަދި މުނިކާފައާއި ބައްޕަވެސް ހިމެނޭ ގޮތުން އުމުރުން 2 އަހަރު ނުފުރޭ ކުޑަކުޑަ ތުއްތު ކުއްޖަކަށް ލިބުނު އަނިޔާގެ ވާހަކަ ކިޔުމަކީ ފަސޭހަ ކަމެއް ނޫނެވެ.

މި ވާހަކަ މީޑިއާގައި ތިލަވެގެން ދިޔައިރު، އެ ހަބަރުތައް ކިއުމަށްފަހު ރޭގަނޑުގެ ނިދިން މަހުރޫމުވެ، އަމިއްލަ ދަރިން ތިބީ ރަނގަޅަށްތޯ ބަލާލަ ބަލާލާ، އެ ކުދިންނާ މެދު ވިސްނާ ފިކުރުކޮށް ކޮށް ތިބީ ކިތައް މައިންތޯއެވެ. މައެއް ނަމަ މިކަން މާ ބޮޑަށް ވެސް އިހުސާސު ކުރެވޭނެއެވެ. ވާން އުޅޭ މަންމައެއް ނަމަވެސްއެވެ. ކިތަންމެ ވިސްނަން ބޭނުން ނުވާ ކަހަލަ ހިޔާލުތައް ވެސް ސިކުނޑިއަށް ވަދެއެވެ. އަމިއްލަ ގޭގައި އުޅޭ، އަމިއްލަ އާއިލާގެ މީހުންނާއި މެދު ޝައްކު އުފެދޭ ގޮތް ވަނީއެވެ. ކިތަންމެ ގާތް މީހަކަށް ވިއަސް އެ ޝައްކު އުފެދެނީއެވެ. ނޫންތޯއެވެ.

އުމުރުން އެންމެ 2 އަހަރު ނުފުރެނީސް އަމިއްލަ މައިންބަފައިން އެ ކުއްޖާ، ކޮޅު ނުފެންނަ އަނދިރި ހޮހޮޅައަކަށް ވައްޓާލިއިރު، އެކުއްޖާއަށް ދިން އަނިޔާއަކީ އުމުރު ދުވަހު އެ ކުއްޖާ ތަހަންމަލު ކުރާނޭ އަނިޔާއެކެވެ. ސިއްހީ އެހީތެރިކަމާ އެކު ބޭރުފުށުން ލިބިފައި ހުރި އަނިޔާތަކަށް ލުޔެއް ލިބިދާނެ ނަމަވެސް، ނަފްސާނީ ގޮތުން ކުއްޖާއަށް ލިބިފައިވާ އަނިޔާތަކަށް ލިބޭނެ ލުޔަކީ ކޮބާތޯއެވެ.

އެންމެ ދެ އަހަރުގައި ހިނގާފައިވާ ކަމަކަށް ވާތީ އެކަން ކުއްޖާގެ ހަނދާނުގައި ހުންނާނެ ކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. ހަނދާނުގައި ނެތަސް އެ ކުއްޖާއަށް އޭގެ ނޭދެވޭ އަސަރު ނުކުރާނޭ ބުނެވޭނެ ޖާގައެއް މިތަނަކު ނެތެވެ. މިހާ ހިސާބުން ފެށިގެން ވެސް އެކުއްޖާ ރައްކާތެރި މާހައުލެއްގައި ލޯބިން ގެންގުޅުމަކީ ވަގުތީ ގޮތުން އެ ކުއްޖާއަށް ލިބިގެންދާނެ ހައްލެކެވެ. ނަމަވެސް ބޮޑުވަމުން ދާއިރު، އެ ތުއްތު ތުއްތު ކުއްޖާއަށް މިކަމުގެ އަސަރު ނުކުރާނެ ގޮތެއް ކިޔައިދެވިދާނެ ހެއްޔެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކުރި އިހުތިޖާޖު / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ކޮންމެ ކުއްޖަކަށް ވެސް ހިމާޔަތާއި ރައްކާތެރިކަން ދޭން ޖެހޭނީ އެ ކުއްޖަކު އާއިލާއިންނެވެ. ނަމަވެސް އަމިއްލަ އާއިލާއިން މިފަދަ އަނިޔާއެއް ދީފައި ވާއިރު، އެ ކުއްޖާ މިކަމުން އަރައިގަންނާނީ ކިހިނަކުންތޯއެވެ. އަމިއްލަ މައިންބަފައިންގެ ފަރާތުން، އަމިއްލަ އާއިލާގެ ފަރާތުން ނުލިބުނު ރައްކާތެރިކަމެއް އެހެން މީހެއްގެ ފަރާތުން ލިބޭނެ ކަމަށް އުއްމީދު ކުރުން ނޫން ގޮތެއް ނެތީތޯއެވެ. މިކަމުގެ ޒިންމާ ނަގާނެ ފަރާތެއް ވެސް ނެތީތޯއެވެ.

މައްސަލަ ފެންމަތިވީ ކިހިނެތް؟

މި މައްސަލަ ފެންމަތިވެގެން އައިސްފައި ވަނީ ދެ އަހަރުގެ ކުއްޖާގެ މަންމަ މިމަހު 13 ވަނަ ދުވަހު މާލެއަށް އައި ފަހުންނެވެ. ކުއްޖާގެ ގޭގައި އުޅޭ ހަމައެކަނި އަންހެނަކީ ކުއްޖާގެ މަންމަ ކަަމަށް ވުމާއެކު، ފުރައިގެން ދިޔައިރު، އެ ކުއްޖާ ބައްޕައާ ހަވާލުކޮށްފައި ދިޔައީ، އެ ކުއްޖާގެ ބޮޑުދައިތަ (މަންމަ ފަރާތު ބޮޑުދައިތަ) ކައިރީ ބެހެއްޓުމަށް ކުއްޖާގެ ބައްޕަ ދެކޮޅު ހެދުމުންނެވެ.

ނަމަވެސް، އެގޭގައި އިތުރު އަންހެނަކު ނުހުންނާތީ ކުއްޖާ ރީތިކޮށް ހަދަން ބޮޑުދައިތަ ދާ ކަމަށް 'ދަ ޕްރެސް' އަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވެއެވެ.

މި މައްސަލަ ފެންމަތިވެފައި މިވަނީ މިދިޔަ ބުދަ ދުވަހު މި ކުއްޖާ ފާހާނާއަށް ދިޔުމުން ދޮއްވާ ރީތިކުރަން ބޮޑުދައިތަ އުޅުމުގެ ތެރޭގައި، ކުއްޖާގެ ލަދުވެތި ގުނަވަނަށް ތަދުވާތީ އުޅުނު ކަމަށް ބުނި ހިސާބުންންވެ. އަދި ތަދުވަނީ ކީއްވެތޯ ސުވާލު ކުރުމުން އެ ކުއްޖާއަށް އެކަން ކުރީ "ބައްޕަ" ކަމަށް ބުނިކަމަށް މައުލޫމާތު ދިން ފަރާތުން ބުނެއެވެ. އަދި އެހިސާބުން ވަގުތުން ކުއްޖާ ގޮވައިގެން ބޮޑުދައިތަ ހޮސްޕިޓަލަށް ދިޔަ ކަމަށާއި، ކުއްޖާ ބެލި ޑޮކްޓަރުން ވެސް ތިބީ ކުއްޖާއަށް ވެފައި އޮތް ވަރު ފެނި ފެންކަޅިވެފައި ކަމަށް އެފަރާތުން ބުނެފައިވެއެވެ.

ތުހުމަތު ކުރެވޭ ބައްޕަ، ކާފަ އަދި މުނިކާފަ

ރާއްޖޭގެ ދެކުނުގެ ރަށެއްގައި 2 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެފައި ވާއިރު އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ އެ އާއިލާގެ ތިން މެންބަރަކަށެވެ. މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ ފިރިހެނަކު ހައްޔަރު ކުރުމަށްފަހު 62 އަހަރުގެ މީހަކާއި 81 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެމީހުންގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. މުއްދަތު ޖެހުމަށް ގެމަނަފުއްޓަށް ގެންދިއުމުން، އެރަށު ރައްޔިތުން ވަނީ، އެކަމާ ނުރުހުން ފާޅުކޮށް އިހުތިޖާޖުކޮށްފައެވެ.

އެ ކުއްޖާގެ ކާފައާއި މުނިކާފައަކީ ވަރަށް ގިނައިން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ބައެއް ކަމަށް ރަށުތެރޭގައި އަޑުފެތުރިފައި ވާއިރު، އެ ގޭގައި ދޭތެރެ ދޭތެރެއިން އެފަދަ މައްސަލަތައް ހިނގާ ކަމަށް މައުލޫމާތު ދިންފަރާތުން ބުނެއެވެ. އެގޮތުން މަގުމަތިންދާ ކުދިން ގެއަށް ގެންގޮސްދިނުމުގެ ނަމުގައި ފައިސާ ދީ ހައްދާލައިގެން ގެންދާ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. މީގެ އިތުރުން ކުއްޖާގެ ކާފަގެ މިފަދަ މައްސަލައެއް ދައުވާ ކުރުމަށް ފޮނުވާފައިވާ، މައްސަލަ ކުރިއަށް ނުގޮސް އޮތް އެއް އަހަރު ވެފައިވާ ކަމަށް މައުލޫމާތުލިބެއެވެ.

ކުއްޖާގެ މުނިކާފަ (ކ) ކުއްޖާގެ ކާފަ (ވ) ހައްޔަރު ކޮށްގެން ގެންދަނީ

މި މައްސަލާގައި 81 އަހަރުގެ މީހާ ކަމަށް ބެލެވޭ މީހަކު، މަގުމަތީގައި ކުޅެން އުޅުނު ކުއްޖަކަށް ފައިސާ ދީގެން އޭނާގެ ގެއަށް ގެންދިއުމަށް މަސައްކަތް ކުރާ އަޑު އިވޭ ވީޑިއޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

މި މައްސަލާގައި ކުއްޖާގެ ބައްޕަ ޝާމިލުވާ ކަމަށް ބުނެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި އެރަށުން 'ދަ ޕްރެސް' އަށް މައުލޫމާތު ދިން މީހަކު ވަނީ އެ ކުއްޖާގެ ބައްޕަ "ފިލައިގެން" މާލެ އައިސްފައިވާ ކަމަށް މައުލޫމާތުދީފައެވެ. އޭނާގެ އާއިލާއިން އެކަން ދޮގުކުރަމުން ބުނީ، އޭނާ މާލެ އައީ ފިލައިގެން ނޫން ކަމަށާއި، ކުއްޖާގެ މަންމައާ ބައްދަލު ކުރުމަށް ކަމަށެވެ. ނަމަވެސް، އޭނާ ހުޅުމާލޭ ފްލެޓް 108 ގައި ހުއްޓާ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އެ ފްލެޓް ކައިރިއަށް އާންމުން އެއްވެ އިހުތިޖާޖު ކުރަމުން ދަނިކޮށެވެ. އަދި އޭނާއަށް ކުރެވެނީ އުހުމާލުގެ ތުހުމަތުކަމަށްވެސް ބައެއް މަސްދަރުތަކުން ވަނީ ބުނެފައެވެ.

އަމާޒުވަމުންދާ ފާޑުކިއުންތައް

ރާއްޖޭގެ ދެކުނުގެ ރަށެއްގައި 2 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ރޭޕް ކުރި މައްސަލައެއް ފެންމަތިވެ، އިއްޔެ ރޭއްސުރެ މި މައްސަލަ ހޫނުވެފައި ވާއިރު، މި އަމަލު ހިންގި މީހުންނަށް ދަނީ އެތައް ބައެއްގެ ފާޑުކިއުން އަމާޒުވަމުންނެވެ. ކުއްޖާގެ ޒިންމާދާރު މަގާމެއްގައި ތިބި ބަޔަކު މިފަދަ އަމަލެއް ހިންގިއިރު، ގިނަ ބަޔަކު އެމީހުން ސިފަ ކުރަމުންދަނީ އިންސާނުންގެ ސިފައިގައި ތިބި ވަލު ޖަނަވާރުންގެ ގޮތުގައެވެ.

މި މައްސަލައާ ގުޅިގެން އަމަލު ހިންގި މީހުންނަށް ދަނީ ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވަމުންނެވެ.

2 އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ކުރި ބައެއް ޓްވީޓުތައް

މި މައްސަލާގައި، ކަންބޮޑުވުން ފާޅުކުރި ފަރާތްތަކުގެ ތެރޭގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ އިތުރުން ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ހިމެނެއެވެ.

2 އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ކުރި ބައެއް ޓްވީޓުތައް

މީގެ އިތުރުން ދީނީ އިލްމުވެރިންގެ ތެރެއިން ޝެއިހް އަލީ ޒައިދު އަދި ޝެއިހް އިލްޔާސް ހުސެއިންގެ އިތުރުން ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ފާޑުކިއުން ވެސް ވަނީ އަމާޒުވެފައެވެ. އަދި އާންމުންގެ ގިނަ ބައެއްގެ ފާޑުކިއުން ވެސް ދަނީ މިކަން ހިންގި މީހުންނަށް އަމާޒުވަމުންނެވެ.

ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތަކާ ދެކޮޅަށް އިއްޔެ ހަވީރު ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ވަނީ އިހުތިޖާޖު ކޮށްފައެވެ. ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އިހުތިޖާޖު ކޮށްފައި ވަނީ، ކުޑަކުއްޖަކާ މެދު މިފަދަ އަނިޔާވެރި އަމަލެއް ހިންގާފައި ވާއިރު، ޖެންޑާ މިނިސްޓްރީން މިކަމާ ގުޅިގެން އެކަށީގެންވާ ބަހެއް ބުނުމަށް އުޒުރުވެރި ވެފައިވާތީއެވެ.

ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އިހުތިޖާޖުކުރި ގިނަ ބަޔަކު ވަނީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމަށް ގޮވާލާ އަޑުއުފުލާފައެވެ. އިހުތިޖާޖުގެ ބައިވެރިންނާއި ބައްދަލުކޮށް، މިނިސްޓަރު ޝިދާތާ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ޖެންޑާ މިނިސްޓްރީއަށް އެތައް މައްސަލައެއް ހުށަހެޅޭ ކަމަށާއި، ނަމަވެސް މި ހުރިހާ މައްސަލައެއް ހިފައިގެން ޕަބްލިކަށް ދިއުމަކީ ޖެންޑަ މިނިސްޓްރީގެ ސިޔާސަތެއް ނޫން ކަމަށެވެ.

މިނިސްޓަރު ޝިދާތާ ވިދާޅުވީ، މިފަދަ މައްސަލަތަކުގައި ރައްޔިތުން ނިކުމެ އިހުތިޖާޖު ކުރާތީ އުފާކުރައްވާ ކަމަށެވެ.

2 އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލާގައި އިހުތިޖާޖު ކުރަނީ / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ކުރި އިހުތިޖާޖުގެ ބައިވެރިން ވަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓު ކުރިމަތީގައި ވެސް އިހުތިޖާޖު ކޮށްފައެވެ.

މިފަދަ ކިތައް ކުދިން؟

ދުވާލެއްގެ މައްޗަށް ޖެންޑާ މިނިސްޓްރީއަށް އެތައް މައްސަލައެއް ހުށަހަޅާ ކަމަށް ޖެންޑާ މިނިސްޓަރު ވިދާޅުވެފައި ވާއިރު، ޖެންޑާއަށް ހުށަނާޅާ ކިތައް މައްސަލަ އޮންނާނެ ބާއެވެ. މިފަދަ އަނިޔާ ތަހަންމަލު ކުރަމުންދާ ކިތައް ކުދިން ތިބޭނެ ބާއެވެ. ތަކުރާރުކޮށް ހިނގަމުންދާ މައްސަލަތައް ވެސް އިންތިހާއަށް ހުންނާނެއެވެ. މިކަންކަން ހުއްޓުމަށް ފަރުދީ ގޮތުން ތިމާއަށް ކުރެވެނީ ކޮންކަމެއްތޯ ވިސްނާލުން މުހިންމު ދެކެމެވެ.

މިއަދު ޒުވާނުން އެއްވެ، އެއްބައިވަންތަ ކަމާއެކު އަޑުއުފުލި މަންޒަރަކީ އުފާވެރި މަންޒަރެކެވެ. ހުރިހާ ފަރާތަކުން މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނަށް ހައްގު އަދަބު ދިނުމަށް އާންމުންނާ ހަވާލު ކުރުމަށް ގޮވާލާ އާންމުން ނުކުތުމަކީ ވެސް ބަލައިގަންނަންޖެހޭ މަންޒަރެކެވެ. ކަން އޮންނަން ޖެހޭ ގޮތެއް ނޫނެވެ. ކަމާބެހޭ މުއައްސަސާތަކުން މިފަދަ މީހުންނާމެދު ފިޔަވަޅު ނާޅާނަމަ، ކުޑަކުއްޖެއްގެ ހައްގުގައި އާންމު ރައްޔިތުން ވެސް ތިބީ ފިދާވާން ތައްޔާރަށް ކަމަށް ބުނާ ފަދައެވެ.