ބަލި ކޮއްކޮއަށްޓަކައި ބޮޑު ގުރުބާނީއެއް ވަމުންދިޔަ ޒުވާން، ވޫ ހުއާޔަންގެ ހާލު ފެނި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އޭނާއަށް ފޯރުކޮށްދެމުންދިޔަ އެހީގެ ތެރެއިން، އޭނާ މަރުވިއިރު އޭނާއަށް ލިބިފައިވަނީ އޭގެ 4 ބައިކުޅަ 1 ބައި ހާ އެހީކަމަށާ، ބާކީ ހުރި ބައި ހިފަހައްޓާފައިވަނީ ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ކަން ހާމަވެއްޖެއެވެ.

ބަރުދަނުގައި އެންމެ 20 ކިލޯގްރާމް ހުރި، އުމުރުން 24 އަހަރުގެ ޒުވާނާއަށް އެހީގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 144000 އެއްހާ ޑޮލަރު ފޯރުކޮށްދިނެވެ. ނަމަވެސް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވޫއަށް ފޯރުކޮށްދިނީ މީގެ 4 ބައިކުޅަ 1 ކަމުން، ގިނަ ބަޔަކު މިހާރު ދަނީ ޗައިނާއާ ދެކޮޅަށް އަޑުއުފުލަމުންނެވެ. 144000 ޑޮލަރުގެ ތެރެއިން ވޫގެ ސިއްހީ ފަރުވާއަށް ހަރަދުކުރި ފައިސާގެ އަގު 3000 ޑޮލަރަށްވެސް ނާރާ ކަމަށް މައުލޫމާތު ލިބެއެވެ.

ވޫގެ ވާހަކަ މީޑިއާގެ ސަމާލުކަމަށް އައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައެވެ. ނަމަވެސް އޭނާ އެހާލުގައި އުޅޭތާ އޭރުވެސް 5 ވަރަކަށް އަހަރު ވެދާނެއެވެ. ސިއްހީ މައްސަލަތަކެއް ހުރެގެން ހޮސްޕިޓަލަކާ ހަމައަށް ވޫއަށް ދެވުނު ހިސާބުން މުޅި ދުނިޔޭގެ ލޯތްބާއި ހަމްދަރުދީ އޭނާއަށް ލިބުނެވެ.

އަމިއްލަ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ކޮންމެ ދުވަހަކުވެސް އެންމެ 0.30 ޑޮލަރު ޚަރަދު ކޮށްގެން އުޅެމުން ދިޔަ ވޫ މަރުވީ ނިމިދިޔަ ހަފުތާގެ ކުރީކޮޅުއެވެ.

މިހާރު އުފެދިފައިވާ ބޮޑު ސުވާލަކީ ވޫގެ އެހީއަށް ހުރަސް އެޅި ބަޔަކު ޖަވާބުދާރީ ކުރުވާނެ ގޮތަކާ މެދުގައެވެ.