ޗައިނާ މެދުވެރިކޮށް ޕާކިސްތާނުން ދަނީ އދގެ ސަލާމަތީ މަޖިލީހުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް އިންޑިއާ ހާރިޖިއްޔާގެ ތަރުޖަމާނު ރަވީޝް ކުމާރު ތުހުމަތުކުރައްވައިފިއެވެ.

ކަޝްމީރުގެ މައްސަލާގައި ޗައިނާ މެދުވެރިކޮށް އދގެ ސަލާމަތީ މަޖިލީހުގެ ނާޖާއިޒު ފައިދާ ނެގުމަށް ޕާކިސްތާނުން މަސައްކަތްކޮށްފައިވާކަމަށާ، ނަމަވެސް އދގެ ސަލާމަތީ މަޖިލީހަކީ އެފަދަކަމަކާ މަޝްވަރާކުރަން އެންމެ އެކަށީގެންވާ ޕްލެޓްފޯމް ނޫންކަމަށް އެ މަޖިލީހުގެ މެމްބަރުންގެ އަގުލަބިއްޔަތުން ނިންމީ ކަމަށް ރަވީޝް ކުމާރު ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މަސްރަހުގައި ކަން ހިނގަމުންދާ ގޮތަށް ޗައިނާއިން ރިއާޔަތްކޮށް، މުހިންމު ފިލާވަޅުތަކަކާ އިބުރަތްތަކެއް ހާސިލުކޮށް ކުރިއަށް އޮތްތަނުގައިވެސް މިފަދަ ފިޔަވަޅުތަކެއް އެޅުމާ ޗައިނާއިން ދުރުވާންޖެހޭ ކަމަށް ރަވީޝް ކުމާރު ވަނީ ގޮވާލައްވާފައެވެ.

އެއްވެސް އަސާސެއް ނެތް ދޮގު އިލްޒާމުތަކެއް އެކުލެވޭ ގޮތަށް ޕާކިސްތާނުން ފެންމަތިކުރި ތުހުމަތުކުރި ތުހުމަތުތައް ބަލައިގަންނާނެ ބަޔަކު ނެތްކަންވެސް ރަވީޝް ކުމާރު ވަނީ ފާހަގަކުރައްވާފައެވެ.

ކަޝްމީރުގެ މައްސަލާގައި އދގެ ސަލާމަތީ މަޖިލީހުގައި ބަހުސްކުރުމަށް މިދިޔަ ޑިސެމްބަރު މަހުވެސް އދގެ ސަލާމަތީ މަޖިލީހުން އިންކާރުކޮށްފައިވާއިރު، މިކަން އަލުން ވޭތޯ ބެލުމަށް ޕާކިސްތާނާ، ވިއެޓްނާމް އަދި ޗައިނާގެ ނަމުގައި ލިޔެފައިވާ ސިޓީއެއްގެ ވާހަކަ މިހާރު ވަނީ ފެންމަތިވެފައެވެ.

ޕާކިސްތާނުގެ އެދުމަކަށް ޗައިނާއިން ޕްރޮމޯޓްކުރަމުންދާ ކަޝްމީރު އެޖެންޑާއާއި ދެކޮޅަށް ސަލާމަތީ މަޖިލީހުގައި ވޯޓުދީފައިވަނީ ދާއިމީ މެމްބަރުންގެ ތެރޭގައި ހިމެނޭ ރަޝިޔާއިންނެވެ. ރަޝިޔާއިން ބުނާ ގޮތުގައި ކަޝްމީރުގެ މައްސަލައަކީ އިންޑިޔާއާއި ޕާކިސްތާނުން ދާހިލީ ފެންވަރުގައި މަޝްވަރާކޮށްގެން ހައްލުކުރަންޖެހޭ މައްސަލައެކެވެ.

ޗައިނާގެ އެހީއާއިއެކު އދގެ ސަލާމަތީ މަޖިލީހުގައި ކަޝްމީރުގެ މައްސަލައަށް ވަކާލާތުކުރުމަށް ޕާކިސްތާނުން މިދިޔަ އަހަރުގެ އޯގަސްޓް މަހު ކުރި މަސައްކަތްވެސް ފެއިލްވެފައިވާއިރު، ކަޝްމީރާ ގުޅިގެން އދގެ ސަލާމަތީ މަޖިލީހުގައި އެންމެ ފަހުން މަޝްވަރާއެއް ކުރިކަމަށް ރެކޯޑްކޮށްފައިވަނީ 1965 ވަނަ އަހަރުގެ ތެރޭގައެވެ.