ފެނާއި ނަރުދަމާ ގާއިމްކޮށް ބަނދަރު ހަދަން އޯޕެކް ފަންޑް ފޯ ޑިވަލޮޕްމަންޓް (އޮފިޑް) އިން 50 މިލިއަން ޑޮލަރުގެ ލޯނެއް މިއަދު ދީފިއެވެ.

މި އެއްބަސްވުމަކީ އޯޕެކް ފަންޑުގެ އެހީގައި ފަސް ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް ބޭނުންވާ ފަންޑިން އަދި އަށް ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ދޭ ލޯނު އެހީގެ އެއްބަސްވުމެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އޯޕެކް ފަންޑުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޑރ. އަބްދުލް ހަމީދު އަލް ހަލީފާއެވެ.

ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 20 އަހަރުގެ ތެރޭގައި ދައްކާގޮތަށް ދީފައިވާ މި ލޯނުގެ އިންޓްރެސްޓަކީ 4.6 ޕަސެންޓެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ މި ލޯނު އެއްބަސްވުމުގެ ދަށުން ހިންގާ ޕްރޮޖެކްޓުތަކުގެ ނަފާ 20،000 ރައްޔިތުންނަށް ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ އޯޕެކް ފަންޑަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށާއި ހާއްސަކޮށް ފެނާއި ނަރުދަމާގެ ޕްރޮޖެކްޓުތައް ހިންގުމުގައި އޯޕެކް ފަންޑުން ބޮޑު އެހީތެރިކަމެއް ދެމުން އަންނަ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ / ފޮޓޯ: ފިނޭންސް މިނިސްޓްރީ

އޯޕެކް ފަންޑުގެ ޑިރެކްޓަރު ޖެނެރަލް އަބްދުލް ހަމީދު އަލް ހަލީފާ ވިދާޅުވީ ރާއްޖެއަކީ ލޯނު ނަގައިގެން މަސައްކަތް ކުރާ ގައުމުތަކުގެ ތެރެއިން އެންމެ ބަރާބަރަށް ފައިސާ އަނބުރާ ދައްކާ އެއް ގައުމު ކަމަށެވެ.

މަޝްރޫއުތައް ހިންގާ ރަށްތައް:

އޯޕެކް ފަންޑުގެ އެހީގައި ފެނާއި ނަރުދަމާ ގާއިމް ކުރާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހދ. ނެއްލައިދޫއާ އެއަތޮޅު ނޭކުރެންދޫ އަދި މަކުނުދޫއެވެ. މީގެ އިތުރުން ށ. ފޭދޫއާ ގދ. ވާދޫއާ ގއ. ފިއޯރީ އަދި ބ. ކެންދޫ އާއި އެއަތޮޅު ދަރަވަންދޫފައު ފެނާއި ނަރުދަމާ ގާއިމް ކުރާނެއެވެ.

ބަނދަރު ހަދާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ބ. ކުޑަރިކިލާއި އެއަތޮޅު ދޮންފަނާއި ކެންދޫ އަދި ގއ. ކޮލަމާފުއްޓާއި އެއަތޮޅު ހޯޑެއްދޫއެވެ.

މި ޕްރޮޖެކްޓުތަކަކީ އޯޕެކް ފަންޑުގެ އެހީގައި ކުރިއަށް ގެންދިޔުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ޕްރޮޖެކްޓުތަކެކެވެ.

ރާއްޖެ އަށް ލޯނު ދިން، އޯޕެކް ފަންޑަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ މަޝްރޫއު ހިންގަން ވެސް އެންމެ ބޮޑު ލޯނެއް ދިން އެއް ފަރާތެވެ.