ކުރިއަަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ހދ. ކުޅުދުއްފުށި ސިޓީގެ ގޮނޑިތަކަށް ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގެ ވަގުތު އިތުރު ކޮށްފިއެވެ.
އެމްޑީޕީން ބުނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކުޅުދުއްފުށީ ސިޓީގެ އެމްޑީޕީ ޕްރައިމަރީގެ އެޕްލިކޭޝަން ބަލައިގަތުމުގެ ސުންގަޑި މިއަދުގެ މެންދުރުފަހު 2:00 އަށް ހަމަވާން އޮތް ނަމަވެސް، މިހާރު ވަނީ މިރޭ 9:00 އަށް އިތުރުކުރެވިފައި ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލާން ފުރުސަތު ހުޅުވާލީ މިދިޔަ މަހު ފަހުކޮޅުއެވެ. ނަމަވެސް އޭރު ކުޅުދުއްފުށްޓަކީ ސިޓީއެއް ކަމަށް ރައީސް ކަނޑައަޅުއްވާފައި ނުވާތީ އެ ސިޓީގެ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވައެއް ނުލައެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީން އިންތިހާބު ކުރަނީ މޭޔަރާއެކު ކައުންސިލް ހަ މެންބަރުންނެވެ. އެ ހަ މެންބަރުންގެ ތެރެއިން އަންހެން މެންބަރުން ހޮވާ ދެ ދާއިރާގެ ގޮތުގައި އިލެކްޝަން ކޮމިޝަނުން ނެގި ގުރުއަތުން ހޮވިފައިވަނީ ކުޅުދުއްފުށި މެދު އުތުރު ދާއިރާ އާއި ކުޅުދުއްފުށި މެދު ދެކުނު ދާއިރާއެވެ.