މިފަހުގެ ތާރީހުގައި ދުނިޔޭގެ އިގުތިސޯދީ ބާޒާރު ގުޑުވާލި އެމެރިކާ-ޗައިނާ ވިޔަފާރި ހަނގުރާމަ ސުލްހަ ކުރާ ރަސްމީ އެއްބަސްވުމުގައި އެ 2 ގައުމުން ސޮއިކޮށްފިއެވެ.

ވޮޝިންގްޓަންގައި ހުންނަވާ، ވާހަކަފުޅުދައްކަވަމުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ، މި އެއްބަސްވުމަކީ އެމެރިކާގެ އިގުތިސޯދަށް ބޮޑެތި (ހެޔޮ) ބަދަލުތަކެއް ގެނުވާނެ އެއްބަސްވުމެއް ކަމަށެވެ.

ޗައިނާގެ ލީޑަރުން ވިދާޅުވާ ގޮތުގައި މި އެއްބަސްވުމަކީ 2 ގައުމަށްވެސް ލިބުނު ކާމިޔާބީއެކެވެ. އަދި އެއްބަސްވުމުކީ 2 ގައުމުގެ މެދުގައި އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރުމަށް ފުރުސަތު ފަހިކުރާނެ އެއްބަސްވުމެއް ކަމަށްވެސް ޗައިނާއިންވަނީ ސިފަކޮށްފައެވެ.

މި އެއްބަސްވުމާއެކު ޗައިނާއިންވަނީ އެމެރިކާއިން އިމްޕޯޓްކުރާ މުދަލުގެ އަގު 200 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް ވައުދުވެފައެވެ. މިއީ 2017 ވަނަ އަހަރު އޮތް މިންގަނޑުތަކަށްވުރެވެސް މަތީ އަދަދެކެވެ. މީގެ އިތުރުން ފިކުރާ މުދަލާ ގުޅޭ ގަވައިދުތައް ހަރުދަނާ ކުރުމަށްވެސް ޗައިނާއިންވަނީ ވައުދުވެފައެވެ.

މި އެއްބަސްވުމުގެ ދަށުން، އެމެރިކާއިންވަނީ ޗައިނާއިން އެމެރިކާއަށް އިމްޕޯޓްކުރަމުންދާ މުދަލަށް ކަނޑައަޅާފައިވާ ޓެރިފްގެ މިންވަރު، ދެބައިކުޅަ އެއްބައި ކުޑަކުރާނެ ކަމަށް ބުނެފައެވެ.

ކަންމިހެން އޮތް ނަމަވެސް، ވިޔަފާރީގެ ހަނގުރާމައަކަށް މަގުފަހި ކުރުވި ބޮޑެތި ޓެކްސްތަކުގެ މައްސަލައަށް އަދިވެސް އޮތީ ފުރިހަމަ ހައްލެއް ނުލިބިކަމަށް މައުލޫމާތު ލިބެއެވެ.

ބަދަލަށް ބަދަލު ހިފުމުގެ ރޫހުގައި އެމެރިކާއާއި ޗައިނާ ވިޔަފާރި-ހަނގުރާމަ ފެށީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. މި ހަނގުރާމައިގެ ތެރެއިން ކަނޑައެޅި ޓެކްސްއާއި ޓެރިފްގެ އަގު 450 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އެރިއިރު، އެކަމުގެ އަސަރު، ދުނިޔޭގެ އެހެން ހުރިހާ އިގުތިސާދަށްވެސް ވަނީ ކުރަން ފަށާފައެވެ. އެމެރިކާއާއި ޗައިނާއަކީ ދުނިޔޭގައި އެންމެ ނުފޫޒުގަދަ 2 އިގުތިސޯދަށްވާއިރު، އެ 2 ގައުމުން ކުރި ވިޔަފާރީގެ ހަނގުރާމައާއިއެކު ދުނިޔޭގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލިވެސް ވަނީ މަޑުޖެހިފައެވެ.