އޭލެވެލަށް ކިޔަވައިދޭން ހާއްސަ ކޮށްފައިވާ ސްކޫލް، ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ހުޅުމާލެ އަށް ބަދަލު ކުރަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން މި ބަދަލު ގެނައުމަށް ނިންމި އިރު، ސީއެޗްއެސްއީ އަލުން އިމާރާތް ކުރުމުގެ މަސައްކަތް ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އާ ހަވާލުކޮށްފައެވެ. އާ އިމާރާތް އެޅުމަށް މިހާރު ވަނީ އެތަން ތަޅާވެސްލައިފައެވެ. ނަމަވެސް އާރްސީސީން މާލޭގައި ފެށި އާ އިމާރާތުގެ މަސައްކަތް މިވަގުތު ވަނީ ހުއްޓާލާފައެވެ.

ނަވާރަ ކްލާސްރޫމާއި ހަ ލެބޯޓަރީގެ އިތުރުން ހަތަރު ސްޓާފްރޫމް ހެދުމަށް އެ ކުންފުންޏާ މިދިޔަ އޮކްޓޫބަރު މަހު ހަވާލުކުރީ 33.4 މިލިއަން ރުފިޔާ އަށެވެ. އެތަން ނިންމަން އެކުންފުންޏަށް ދީފައިވަނީ 420 ދުވަހެވެ.

އެނގިފައިވާގޮތުގައި ސީއެޗްއެސްއީ ހުންނަ ލިލީމަގު ބޮޑުކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ. އެެހެންކަމުން އެ މަގު ބޮޑުކުރުމުން ސީއެޗްއެސްއީން ބައެއް ގެއްލޭނެއެވެ. އަދި ސީއެޗްއެސްއީއަށް ހުޅުމާލެއަށް ބިމެއް ކަނޑައެޅުމަށް ކުރަން ޖެހޭ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސީއެޗްއެސްއީ ހުޅުވީ 1979 ވަނަ އަހަރުއެވެ. ކުރިން ސައިންސް އެޑިއުކޭޝަން ސެންޓަރު (އެސްއީސީ) ގެ ނަމުގައި ހިންގި އެސްކޫލުގެ ނަން ނަމަވެސް އެތަނުގެ ނަން މިހާރުގެ ނަމަށް ބަދަލުކޮށްފައިވަނީ 2001 ވަނަ އަހަރު އެވެ. 47 ދަރިވަރުންނާއެކު އެސްއީސީ ހުޅުއްވައި ދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

ސީއެޗްއެސްއީގައި މިހާރުވެސް 1،100 އަށްވުރެ ގިނަ ދަރިވަރުން ދަނީ ކިޔަވަމުންނެވެ.