ޕާކިސްތާނާ އިންޑިއާއިންވެސް އެސަރަހައްދެއްގެ ފުރިހަމަ މިލްކުވެރިކަމަށް ވަކާލާތު ކުރަމުން އަންނަ ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އިންޓަނެޓް ހިދުމަތް މެދުކަނޑާލާފައި އޮންނަތާ ދުވަސްތަކަކަށްފަހު، ބައެއް ސަރަހައްދުތަކަށް މިހާރު އެ ހިދުމަތް ލިބެމުންދާނެ ކަމަށް އިންޑިއާގެ ސަރުކާރުން ބުނެފިއެވެ.

ޖައްމުއާއި ކަޝްމީރަށް މިނިވަންކަން ލިއްބައިދިން މާއްދާ 370، އިންޑިއާގެ ގާނޫނު އަސާސީއިން އުނިކުރުމާ ދިމާކޮށް، 2019 ވަނަ އަހަރުގެ އޯގަސްޓް މަހު ކަޝްމީރުން އިންޓަނެޓްގެ ޚިދުމަތް ކަނޑާލިފަހުން އެ ސަރަހައްދަށް އެ ހިދުމަތް ފޯރުކޮށްދީފައި ނުވާއިރު، އެއީ އަސާސީ ހައްގުތަކަކުން ގިނަ އަދަދެއްގެ ރައްޔިތުންތަކެއް މަހްރޫމު ކުރުމަށް އިންޑިއާއިން ހިންގާ ޖަރީމާއެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އިންޑިއާ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައެވެ.

ފަހަކަށްއައިސް އެ އަޑު ގަދަވެގެން ގޮސްފައިވާއިރު، އިންޑިއާއިން މިހާރު ވަނީ ކަޝްމީރުގެ ބައެއް ހިސާބުތަކަށް އިންޓަނެޓްގެ ޚިދުމަތް ދޫކޮށްފައި ކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް މޯބައިލް އިންޓަނެޓާ ސޯޝަލް މީޑިއާގެ ހިދުމަތް އަދިވެސް އޮތީ ޖުމުލަ ގޮތެއްގައި ބްލޮކް ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ. ބްރޯޑްބޭންޑް ހިދުމަތް ދޫކޮށްފައިވަނީ އަސާސީ ހިދުމަތް ފޯރުކޮށްދޭ އިދާރާތަކާ މުއައްސަސާތަކަށެވެ. އަދި އެތަންތަނަށް ދޫކޮށްފައިވާ ބްރޯޑްބޭންޓް އިންޓަނެޓް ހިދުމަތްވެސް ގާތުން މޮނިޓާ ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ކަޝްމީރަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އާންމުކޮށްފައިވާ ނޯޓިސްގައިވެސް، ވަކިވަކި ފަރުދުންނަށް މެސެޖުކޮށް ހެދޭނެ ހުރިހާ އެޕްލިކޭޝަންތަކަކަށް ނުވަދޭނެވެ ގޮތަށް، ސޯޝަލް މީޑިއާ ބްލޮކް ކުރުމަށް، ކަމާބެހޭ ފަރާތްތަކަށް ވަނީ އިރުޝާދު ދީފައެވެ.

އިންޑިއާ ސަރުކަރުން ވަކާލާތުކުރާ ގޮތުގައި ކަޝްމީރުން އިންޓަނެޓްގެ ހިދުމަތް ކަނޑާލާ، ހުރަސްތަކެއް ކުރިމަތިކުރަންޖެހިފައިވަނީ ގާނޫނީ ބާރު ދެމެހެއްޓުމަށްޓަކައެވެ. ނަމަވެސް ކަޝްމީރަށް އިންޓަނެޓްގެ ހިދުމަތް ދޫކުރުމަށް އިންޑިއާގެ ސުޕްރީމް ކޯޓުންވަނީ އެގައުމުގެ ސަރުކާރުގެ މައްޗަށް، މިދިޔަ ހަފުތާގައި ހުކުމްކޮށްފައެވެ.