6 ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު އެއް މަހުގެ ސާރާ ޝުރައިހް މުހައްމަދުގެ މައިބަދައިގައި ހުރި ޓިއުމަރު ނަގައިފިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ޝުރައިހްގެ ދެމަފިރިންނަށް ލިބުނު ދަރިފުޅުގެ އުނަގަނޑުން ތިރީގެ ހަރަކާތް ދަށްވެފައިވާ ކަމުގެ ހަބަރު ލިބުމާ އެކު ރާއްޖެއިން ޑޮކްޓަރުންނަށް ދައްކައިގެން ހެދި ޓެސްޓުތަކުން އެ ކުއްޖާއަށް އެހެން ދިމާވި ސަބަބު ވަނީ ދެނެނުގަނެވި ފައެވެ. އިތުރު ޓެސްޓުތައް ހެދުމަށް އިންޑިއާއަށް ސާރާ ގޮވައިގެން އެ ދެމަފިރިން ދަތުރު ފެށީ ރާއްޖޭގައި އެވަރުގެ ތުއްތު ކުއްޖެއްގެ ޓެސްޓުތައް ހެދޭނެ ވަސީލަތްތައް ނެތުމުންނާ އެކީ އާސަންދައިގެ ދަށުންނެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ސާރާގެ ބައްޕަ ބުނީ، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ސާރާއަށް ފަރުވާ ހޯދަމުން އައި އިރު އެ ހޮސްޕިޓަލުން އިއްޔެ ވަނީ މިއަދު ހެނދުނު ސާޖަރީ ހެދުމަށް އެދިފައި ކަމަށެވެ. މިއަދު ހެނދުނު 7 ޖެހި އިރު ސާޖަރީ ހެދުމަށް ސާރާ ވެއްދި ކަމަށާއި، 6 ގަޑިއިރު އޮޕަރޭޝަނަކީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށް ޝުރައިހް ބުނެއެވެ.

"ސާޖަރީ ނިމިއްޖެ. ޑޮކްޓަރުން ބުނީ ޓިއުމަރު އެއްކޮށް ނެގުނު ކަމަށް. އަލްހަމްދުލިﷲ. ފައިގެ ހަރަކާތްވެސް ސާޖަރީއާ އެކީ އިމްޕްރޫވް ވަމުން ދިޔަ ކަމަށް ޑޮކްޓަރުން ބުނީ"
ސާރާގެ ބައްޕަ

އޮޕަރޭޝާން ކާމިޔާބުވުމުން އެކަމާ އެ ދެމަފިރިން މާތްﷲ އަށް ހަމްދު ކުރިއެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ފައިގެ ހަރަކާތް ދަށްވުމުން މާޔޫސްވި ދެމަފިރިން އުންމީދު ކަނޑައެއް ނުލައެވެ. މިހާރު ސާރާ އޮތީ އޮޕަރޭޝަން ތިއޭޓަރުގައި ކަމަށާއި އަދި މިއަދު ހަވީރު 5:00 ގައި އޮޕަރޭޝަން ތިއޭޓަރުން ނެރެ ސާރާ އައިސީޔޫއަށް ލާނެ ކަމަށް ޝުރައިހް ބުނެއެވެ. އޮބްޒަވޭޝަންގައި އައިސީޔޫގައި ސާރާ ބާއްވާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.

ސާރާ ޝުރައިހް މުހައްމަދު

ސާރާގެ މައިބަދައިގައި ހުރި ޓިއުމަރަކީ އޭނާގެ މައިބަދައިގެ 5 ބަދައިގެ ދިގު މިނުގެ ޓިއުމަރެއް ކަމަށް ޑޮކްޓަރުން ބުނެއެވެ. ސާރާގެ ފައިގެ ހަރަކާތް ދަށްވެފައިވާ ކަމަށް ޑޮކްޓަރުން ލަފާ ކުރަނީ އެ ޓިއުމަރުގެ ސަބަބުން މައިބަދައަށް ލޭ އެޅިގެން ކަމަށް އިންޑިއާއިން ބެލި ޑޮކްޓަރުން ބުނެއެވެ.

މިއަދު އޮޕަރޭޝަންކޮށްގެން ނެގި ޓިއުމަރު ބައޮޕްސީ ހެދުމަށް ލެބޯޓްރީއަށް ގެންދާނެ ކަމަށާއި އޭގެ ނަތީޖާ 5 ދުވަސް ތެރޭ ލިބޭނެ ކަމަށް ޑޮކްޓަރުން ބުނެއެވެ. ސާރާ ދޫކޮށްލާނެ ދުވަހެއް އެނގޭނީ ބައޮޕްސީގެ ނަތީޖާ ލިބުމުން ކަމަށް ޝުރައިހް ބުނެއެވެ.

ސާރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރާ ފަރާތްތަކަށް އާއިލާގެ ފަރާތުން ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި ސާރާއަށް އަވަސް ޝިފާއެއް މިންވަރުކޮށްދިނުމަށް ދުއާ ކޮށްދިނުމަށް އާއިލާއިން ވަރަށް ބޮޑަށް އެދެއެވެ.

އެ ދެމަފިރިންގެ ލޮލުގެ ނޫރު ހެން ދެކެމުންދާ ދަރިފުޅަށް އަވަސް ޝިފާއެއް ހޯދުމަށް މިވަގުތު ވަނީ ތިޔަ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީއަށް ބޭނުންވެފައެވެ. ސާރާއަށް އެހީވުމަށް ބޭނުންވާ ފަރާތްތައް ސާރާގެ ބައްޕަ ޝުރެއިހް މުހައްމަދުގެ ނަންބަރު 9699276 އަށް ގުޅައިގެން ނުވަތަ ވައިބާއިން ކުރިއަށް ގެންދެވޭނެއެވެ.

މާތްﷲ ސާރާ ޝުރެއިހް މުހައްމަދަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ.