ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސުން ތައާރަފް ކުރި 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ކ. ގާފަރުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ކިޔަވައިދޭ ސެންސަރިީ ކްލާސްރޫމެއް ތަރައްގީކޮށްފިއެވެ.
ބީއެމްއެލް ގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ވަނީ މި ކްލާސްރޫމަށް މަރާމާތުކޮށް ކްލާސްރޫމަށް ބޭނުންވާ ސެން އިކުއިޕްމަންޓްސް ހޯދައި ތައުލީމީ އާ އަހަރާއެކު މި ކްލާސްރޫމް ބޭނުންކުރަން މިވަނީ ފަށާފައެވެ. މި ކްލާސްރޫމް ފަރުމާ ކުރެވިފައި ވަނީ ސެން ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ވަސީލަތްތައް ހިމަނާ ފުރިހަމަ ކުރެވިގެންނެވެ. އަދި މި ކްލާސްރޫމް ވެގެންދާނީ މިކުދިންނަށް ކިޔަވާދިނުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ލިބިގެންދާ ފުރިހަމަ ހައްލަކަށެވެ.
ިކަމާ ގުޅިގެން ބީއެމްއެލްގެ މެނޭޖާ އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ، މި ކްލާސްރޫމު ހުޅުވުމާއެކު ތައުލީމީ އާ އަހަރު ފެށިގެން މިދިޔައީ ގާފަރު ސްކޫލްގެ ސެން ކްލާސް ކުދިންނާއި ބެލެނިވެރިންނަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ކަމަށެވެ. އަދި މި ކްލާހުގައި ބޭނުންކުރާ ވަސީލަތްތަކަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔެވުމާއި އެކުދިންގެ ހުނަރު ތަރައްގީކުރުމަށް ވަރަށް އެކަށޭނެ ވަސީލަތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އަބޫބަކުރު އަލީ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު، އައިޝަތު ސާނާ ވިދާޅުވީ، ގާފަރު ސްކޫލުގައި ކުރިން ހުރި ސެން ކްލާސްރޫމަކީ ކުޑަ ތަނެއް ކަމަށާއި، ކްލާސްރޫމު ގާއިމް ކުރުމުގެ ކުރިން ރާއްޖޭގެ އެހެން ސްކޫލުތަކުގައި މިފަދަ ކްލާސްރޫމުތައް ހުރީ ކިހިނެއްކަން، ކޮންކަހަލަ ވަސީލަތްތަކެއްތޯ ހުރީ ދީރާސާ ކޮށްފައިވާ ކަމަށެވެ. އަދި މި ސެން ކްލާސްރޫމް ގާއިމް ކޮށްފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ކްލާސްރޫމުތަކާއި ވަސީލަތްތައް ހުންނަގޮތް ދިރާސާ ކުރުމަށްފަހު ކަމަށް ސާނާ ވިދާޅުވިއެވެ.
ސާނާ ވިދާޅުވީ، އަބޫބަކުރު އަލީ ފައުންޑޭޝަން މަސައްކަތް ކުރަނީ ރަށުގެ ތައުލީމީ ކަންތައް ކުރިއެރުވުމަށްޓަކައި ކަމަށާއި، ކުރިން ސެން ކްލާހުގައި ކުދިންނަށް ކިޔަވައިދެނީ އެކްލާހުގެ ޓީޗަރު އަމިއްލައަށް ތައްޔާރުކުރާ ވަސީލަތްތަކާއެކު ކަމަށެވެ. ނަމަވެސް މިހާރު މި ގާއިމްކުރި ކްލާސްރޫމުގައި އޮކިޔުޕޭޝަނަލް ތެރަޕީ އާއި ޕްލޭ ތެރަޕީ ކުދިންނަށް ދެވޭނެ ކަމަށް ސާނާ ވިދާޅުވިއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ. މި ގޮތުން ބީއެމްއެލުން ވަނީ މިވޭތުވެދިޔަ 2019 ވަނަ އަހަރުތެރޭ ވަނީ 20 ރަށެއްގައި ޕްރޮގްރާމް ހިންގުމަށް 1 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.